މުނިފޫހިފިލުވުން

ކާރްތިކާއި ތާޕްސީ "ޕޭ-ކަޓް"އަކަށް ދާން ތައްޔާރު!


ފިލްމީ މަސައްކަތްތައް ކުރުމަށް ނަގާ ފީ ކުޑަކުރުމަށް ނުވަތަ "ޕޭ-ކަޓް"އަކަށް ދާން ތައްޔާރަށް ހުރިކަމަށް ބޮލީވުޑްގެ ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ކާރްތިކް އާރިޔާނާއި ތާޕްސީ ޕަންނޫ ބުނެފިއެވެ.

ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ ފިލްމް އިންޑަސްޓްރީވެސް މަޑުޖެހި، އެކަމުގެ ގެއްލުން ފިލްމް އުފައްދާ ފަރާތްތަކަށާއި، ސިނަމާތަކާއި ފިލްމް ތިއޭޓަރތައް ހިންގާ ފަރާތްތަކުގެ އިތުރުން އިންޑަސްޓްރީގައި ދުވަހު މުސާރަށް މަސައްކަތްކުރާ ފަރާތްތަކަށް ދަނީ ކުރަމުންނެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ފިލްމްފެއަރއަށް ދާދިފަހުން ދިން އިންޓަރވިއުއެއްގައި ކާރްތިކް އާރިޔާން ވަނީ މި އުނދަގޫ ޙާލަތުގައި ޢާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ، އެއްވެސް މީހެއްގެ ވަޒީފާ ގެއްލުން އެއީ އޭނާ ބޭނުންވާކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނާއި، އެމީހުންގެ ދަށުން މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއްގެނެސްދެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ.

ނަމަވެސް މި ވަގުތު އެންމެ މުހިއްމީ ކޯވިޑް-19ގެ ނުރައްކާ ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުންކަމަށްވެސް ކާރްތިކް ބުނެފައިވެއެވެ.

"ޕޭ-ކަޓް"އަކަށް ދިއުމާމެދު ދެކެނީ ކިހިނެއްތޯ އެހުމުން، ޖަވާބުގައި ކާރްތިކް ބުނެފައިވަނީ މިދަނޑިވަޅުގައި ޕްރޮޑިއުސަރުން އުފުލަންޖެހޭ މާލީ ބުރަތައް ކުޑަކުރަން "ޕޭ-ކަޓް"އަކަށް ނުވަތަ ފީތައް ކުޑަކުރަން ޖެހިއްޖެނަމަ، އެކަންވެސް ކުރަން އޭނާ ހުރީ ތައްޔާރަށްކަމަށެވެ. އަދި އެއީ މުޅި އިންޑަސްޓްރީއަށްވެސް މިވަގުތު އެންމެ ފައިދާހުރިގޮތްކަމަށާއި، އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް ޤަބޫލު ނުކުރާކަމަށެވެ.

"މިކަމުން އަރައިގަނެ، އިންޑަސްޓްރީގެ މަސައްކަތްތައް އަލުން ފަށައިގަންނަން އެންމެން ކުރާ މަސައްކަތުގައި ބައިވެރިވެ، އެހީތެރިވާން އަހަރެެން ތައްޔާރު. މިއީ އެއް ޢާއިލާއެއް. އެހެންވީމަ އެންމެންވެސް ގުޅިގެން މިކަން ކުރެވޭނީ" ކާރްތިކް ބުނެފައިވެއެވެ.

ފިލްމްފެއަރއަށް ދިން އިންޓަރވިއުއެއްގައި ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫވެސް ވަނީ "ޕޭ-ކަޓް"އަކަށް ދާން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. ތާޕްސީ ބުނިގޮތުގައި ޝޫޓިންގތަކާއި ފިލްމްތައް ޕްރިމިއަރކުރުން ފަސްވާނަމަ، ލިބޭ ޢާމްދަނީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި ކުރިއަށްއޮތްތާވެސް މޫސަރަތަކަށް ބަދަލު އަތުވެދާނެކަމަށް އޭނާ ޤަބޫލުކުރާކަމަށެވެ.

މި ސީޒަންގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބޮަޑެތި ބައެއް ފިލްމްތައް، ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި ޓިޖިޓަލް ޕްލެޓްފޯމުތަކައި އަޅުވަން ނިންމާފައިވާތީ، ސިނަމާތަކާއި ތިއޭޓަރ ހިންގާ ފަރާތްތަކާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅޭގޮތުންވެސް ތާޕްސީވަނީ އެކަމުގައި އޭނާ ދެކޭގޮތް ހާމަކޮށްފައެވެ.

ތާޕްސީ ބުނިގޮތުގައި ކޯވިޑް-19ގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށާއި ކުރާ މަސައްކަތްތަކަށްވެސް ބަދަލު އައިސްފައިވާކަމަށް ތާޕްސީ ބުނެފައިވެއެވެ. އަދި ފިލްމް އިންޑަސްޓްރީގެ މަސައްކަތްތަކަށްވެސް އެ ބަދަލު އައިސްފައިވާކަން އެއީ މިއަދު ޤަބޫލު ކުރަންޖެހިފައިވާ ހަަޤީޤަތެއްކަމަށް އޭނާ ބުންޏެވެ.

"ހިތްހަމަ ނުޖެހުންތަކެއް ހުންނާނެކަން އެނގޭ. އެކަމު ވަގުތާއި ޙާލަތަށް އަންނަ ބަދަލުތަކާއެކު ކުރިއަށްދާން އަހަރުމެން ދަސްކުރަންޖެހޭ. ގިނަ ފިލްމްތަކަކީ ބޮޑު ސްކްރީންތަކަށް ޚާއްސަކޮށްގެން އުފައްދާ ފިލްމުތަކެއް. އެކަމަކު މިއަދު ޚާލަތު މިއޮތީ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައި" ތާޕްސީ ބުނެފައިވެއެވެ.

ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިންގެ ލިސްޓުގައި ގުނާލެވޭ ކާރްތިކާއި ތާޕްސީއަކީ ކޯވިޑް-19އާއި ގުޅިގެން އެމީހުންގެ ފީތައް ކުޑަކުރުމަށް ތައްޔާރަށް ތިބިކަން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރި ބޮލީވުޑްގެ ފުރަތަމަ 2 ތަރިންނެވެ.