ވިޔަފާރި

ރިސޯޓުތަކުގެ ކުލި ދައްކަންޖެހޭ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދީފި


ރިސޯޓުތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފިއެވެ.

ރިސޯޓުތަކުގެ ކުލި ދައްކަންޖެހޭ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދީފައިވާކަން އިޢުލާންކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޤައުމާ މުޚާޠަބުކުރައްވާ މިއަދު ދެއްކެވި ވާހަކަަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ރިސޯޓުތަކުގެ ބިމު ކުލި ލުއިކޮށްދިނުމުގެ އިތުރަށް، ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

"މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިސޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކެން، އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިޒޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. " ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް މަސައްކަތްކުރާއިރު، މި ބައްޔަށް ފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށްވެސް ތައްޔާރުވާން ޖެހޭކަމަށާއި، މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވާނަމަ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ މައި ދޮރާށި ހުޅުވާލައްވާ ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.