ވިޔަފާރި

ވިޔަފާރިތައް އަލުން ހުޅުވުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި


ޕާކިސްތާނުގެ ވިޔަފާރިތައް އަލުން ހުޅުވުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކޮށްފިއެވެ.

ޕާކިސްތާނުގެ މައި ސަރުކާާރާއި ސަރަހައްދީ ސަރުކާރުތަކުން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފިހާރަތަކާއި، އާންމު ތަންތަން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މި ފިޔަވަޅުތައް މޭމަހުގެ 11 ގައި ވަނީ ލުއިކުރަން ފަށާފައެވެ. މިގޮތުން ކުދި ފިހާރަތަކާއި، ވިޔަފާރިތައް އަދި މާރުކޭޓުތައް ހޮނިހިރު އަދި އާދީއްތަ ނޫން ހުރިހާ ދުވަހަކު ހެދުނުގެ ވަގުތުތަކިގައި ހުޅުވުމަށް ވަނީ ހުއްދީފައެވެ. އެކަމަކު ސަރުކަރުން މިނިންމުމުގެ ދަށުން މޯލްތައް ހުޅުވުމަށް ހުއްދަ ދީފައެއް ނުވެއެެވެ. ނަމަވެސް ޕާކިސްތާނުގެ ސަރަހައްދީ 4 ޕްރޮވިންސްތަކުން މިކަމުގައި އަމަލު ކުރަނީ ތަފާތުކޮށެވެ.

މިކަމާއި ގުޅިގެން ޕާކިސްތާނުގެ މައި ސަރުކާރާއި ސަރަހައްދީ ސަރުކާރުންތަކުން ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދިޔަ ފިޔަވަޅުތައް ބެލުމަށް ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް ހިމެނޭހެން ފަސް މެންބަރުންގެ ބެންޗަކުން ދަނީ ހާއްސަ މަސަލައެއް ބަލަމުންނެވެ. މިމައްސަލައިގެ އަޑުއެހުންތަކުގެ ތެރެއިން ނެރެފައިވާ އަމުރުގައިވާ ގޮތުން ކޯވިޑް-19 އިން މީހުން ރައްކާތެރިކުުރުމަށް ފިހާރަތައް ބަންދުކޮށްފައި ހުރުމުން މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިވެ ބަނޑުހައިހޫނުކަމާ ކުރިމަތި ލާންޖެހޭ ކަމަށެވެ. އަދި ހަފްތާއަކު ފަސްދުވަހު އެކަނި ފިހާރަތައް ހުޅުވުމުން ވިޔަފާރިތަކަށާއި ޒަރޫރީ ތަކެތި ގަންނަން ބޭނުންވާ މީހުންނަށް ދިމާވާ ދަތި ބޮޑުކަމަށެވެ. އެހެންކަމުން ހުރިހާ ފިހާރައެއް އަލުން ހުޅުވާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ ރައްޔިތުންގެ ތެރެއިން އެހެން ނުރައްކާތެރި ބަލިތައް ތަހަންމަލް ކުރަމުންދާ ގިނަ ބަޔަކަށް ދޭން ޖެހޭ ފަރުވާ ނުދެވި ކޮންމެ ދުވަހަކު މަރުވަމުންދާކަންވެސް ކޯޓު އަމުރުގައިވެއެވެ. މީގެއިތުރުން ކޯވިޑް-19 އަށް ޕާކިސްތާން ސަރުކާރުން މާބޮޑަށް ހަރަދުކުރަމުންދާކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ މިނިންމުމަށް ވިޔަފާރިވެރިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ކަރާޗީގެ އެންމެ ބޮޑެތި މޯލްތައް ހިންގާ ޑޮލްމަން މޯލް މެނޭޖްމަންޓް ގްރޫޕްއިން ވަނީ ވީއެންމެ އަވަހަކަށް އަލުން މޯލްތައް ހުޅުވުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތަކުގައި ސަރުކާރުގެ އެކި މުއައްސަސާގެ އޮފިޝަލުން ކޯޓަށް ހާޒިރުކޮށްފައިވާއިރު، މައްސަލައިގެ ބާކީ އަޑުއެހުންތައް ވަނީ 21 މޭއަށް ފަސްކޮށްފައެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދު ޕާކިސްތަނުގައި 43966 އަށް އަރާފައިވާއިރު، ކޭސްތައް އަދިވެސް ދަނީ އިތުުރުވަމުންނެވެ. މިހާތަނަށް މިވައިރަސްގެ ސަބަބުން ޕާކިސްތާނުގައި ވަނީ 900 އަށްވުރެ ގިނަ މީހުން މަރުވެސް ވެފައެވެ.