ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ނަގަން ކަނޑައަޅާފައިވާ ބައެއް ފީތައް


ރާއްޖެއަށް ފަތުރުވެރިން އައުމަށް އަލުން ހުޅުވާލާއިރު އަމަލުކުރުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން" ގައި އަލަށް ގިނަ ފީތަކެއް ނެގުމަށް ވަނީ ނިންމާފައެވެ. މި ގައިޑްލައިންގައި ރާއްޖެ އަންނަ ފަތުރުވެރިންނާއި ޖެޓްތަކާއި، ރިސޯޓްތަކުންވެސް ފީ ނެގުމަށް ވަނީ ނިންމާފައެވެ.

"މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން" އަކީ ރާއްޖޭގެ ބޯޑަރު ހުއްޓިފައި އޮތް އޮތުން ނިމުމަށް ގެނެސް، އަލުން ފަތުރުވެރިކަން ފެށުމަށްޓަކައި ބޭނުންވާ އުސޫލުގެ ފުރަތަމަ ދެލިކޮޕީއެވެ. މި ދެލިކޮޕީ ފައިނަލް ކުރާއިރު ސިނާއަތުގެ ފަރާތްތަކާއި މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެލިކޮޕީގައިވާގޮތުން ސަރުކާރުން ވަކިގޮތެއް އަންގަންދެން ފަތުރުވެރިން ރާއްޖެއައުމާއިއެކު ޙާއްސަ ޓޫރިސްޓް ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ދެލިކޮޕީގައި ފަތުރުވެރިން އަލުން ހިދުމަތްދޭން ފަށާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް މުޅި އިންޑަސްޓްރީގެ އެކި ލެވެލްގައި އެޅުމަށް ވަނީ ނިންމާފައެވެ.

މި ގައިޑްލައިންގައިވާގޮތުން ޗާޓަރ ކޮށްގެން އަންނަ ފުލައިޓްތައް އަދި ޕްރައިވެޓް ޖެޓްތަކުންވެސް ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޗާޓަރ ކޮށްގެން އަންނަ ފުލައިޓްތައް އަދި ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް ލޭންޑްކުރުމުގެ ފީއެއްގެ ގޮތުގައި 50000 ޑޮލަރު ނަގާނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ކޮންމެ ސުޕަރ ޔޮޓަކުން 10000 ޑޮލަރު ނަގާނެއެވެ. އަދި ވަކި ގޮތެއް އަންގަންދެން ކުރޫޒްލައިންތަކަށް ރާއްޖެ ވަނުން ވަނީ މަނާކޮށްފައެވެ.

އަންނަ މަހުން ފެށިގެން ރިސޯޓްތައް ހުޅުވާލެވޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ރިސޯތުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލާއިރު ރިސޯޓުތަކުންވެސް އަމަލުކުރަންޖެހޭ ގިނަ ގޮތްތަކެއް ވަނީ ކަނޑައާޅާފައެވެ. ރިސޯޓްތައް އަލުން ހުޅުވާލާއިރު ފުރުސަތު ދޭނީ ސޭފް ޓޫރިޒަމް ލައިސަންސް އޮންނަ ރިސޯޓްތަކަށެވެ.

ސޭފް ޓޫރިޒަމް ލައިސަންސް ދޫކުރާނީ މި ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރާ ރިސޯޓްތަކަށް އެކަންޏެވެ. ސޭފް ލައިސަންސިން ފީއެއްގެ ގޮތުގައި ކޮންމެ ރިސޯޓަކުން 50000 ޑޮލަރު ނަގާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިދެލިކޮޕީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި މިހާރު ހިއްސާކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.