ވިޔަފާރި

ފުވައްމުލަކު ސިޓީގެ ފިހާރަތައް ބަންދުކޮށްފައި ބަހައްޓާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ފުވައްމުލަކު ސިޓީގެ ފިހާރަތައް ބަންދުކޮށްފައި ބަހައްޓާ މުއްދަތު އަނެއްކާވެސް އެ ސިޓީގެ ކައުންސިލުން އިތުރުކޮށްފިއެވެ. މިއީ ޖެހިޖެހިގެން މުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީގެ ފިހާރަތައް ހުޅުވައިގެން ވިޔަފާރިކުރުން މަޖުޖައްސާލުމަށް ނިންމާފައިވާ ނިންމުން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

އެ ސިޓީގެ ފިހާރަތައް އެންމެ ފުރަތަމަ ހުޅުވައިގެން ވިޔަފާރިކުރުން މަނާކޮށްފައިވަނީ 23 އެޕްރީލްއިން ފެށިގެން މެއި މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ. މުއްދަތު ހަމަވުމުން އަނެއްކާވެސް ވަނީ މެއި މަހުގެ 17 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ފުވައްމުލައް ސިޓީގެ ފިހާރަތައް ހުޅުވައިގެން ވިޔަފާރިކުރުން މަޑުޖައްސާލުމަށް ނިންމާފައިވާ ނިންމުމުގެ މުއްދަތު އިތުރުކޮށްފައިވީނަމަވެސް މި މުއްދަތުގެ ތެރޭގައި ފިހާރަތަކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލާއި އެއްގޮތަށް ތަކެތި ގޭގެއަށް ޑެލިވަރ ކުރެވޭނެކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ، މުއްދަތު އިތުރުކުރީ، މުޅި ރާއްޖެއަށް އިއުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވުމާއި، މިބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން ރައްތިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.