ދުނިޔެ

މަންމައިގެ ދުވަހުގެ ހަދިޔާއަކަށް ލިބުނީ މީގެ 32 އަހަރުކުރިން ގެެއްލުނު ދަރިފުޅު

އެއީ މީގެ 32 އަހަރު ކުރިއެވެ. ޗައިނާގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކުޑަހިނދު ކޮޅެއްގެ ތެރޭގައި ވަގަށް ނެގީއެވެ. އެ ދަރިފުޅު ހޯދަން އެ ކުޑަކުޑަ ޢާއިލާއިން 1.4 ބިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ޗައިނާގެ އެތަން މިތާނގައި ވަނީ އަތްފުނާއަޅާފައެވެ.

ޗައިނާގެ ރައްޔިތެއްކަމަށްވާ މައޯ ޒެންޖިންގާއި އޭނާގެ އަންހެނުން ލީ ޖިންގްޝީ އެމީހުންގެ ދަރިފުޅު ހޯދަން ކުރި މަސައްކަތް ކާމިޔާބުވެ، ދަރިފުޅާ ބައްދަލުކުރަން ކެތްމަދުވެފައިތިބި އެ ޢާއިލާގެ ދިގު އިންތިޒާރަށް ނިމުމެއްއައިސް، ދަރިފުޅާ ބައްދަލުވިގޮތުގެ ވާހަކަ މި އީއެވެ.

އެ ދެމަފިރިންގެ ދަރިފުޅު މައޯ ޔިން އުފަންވީ 23 ފެބްރުއަރީ 1986 ގައެވެ. އޭނާއަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ވިސްނުން ތޫނު ލޯބި ކުއްޖެކަމަށް ސައުތް ޗައިނާ މޯނިންގ ޕޯސްޓަށް އޭނާގެ މަންމަ ލީ ޖިންގްޝީ ކިޔައިދީފައިވެއެވެ. މައޯ ޔިން ބަޔަކު މީހުން ވަގަށް ނަގާފައިވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާން ސިޓީގައި ހުރި ނާސަރީއަކުން އޭނާގެ ބައްޕަ އޭނާ ގޮވައިގެން އެނބުރި ގެއަށްދިޔަ މަގުމަތީގައެވެ. އެއީ 17 އޮކްޓޯބަރ 1988 ގައެވެ.

ގެއަށްދިޔަ މަގުމަތީ ކަރުހިއްކައިގަނެގެން މައޯ އޭނާގެ ބައްޕަގެ ކިބައިން ފެންފޮދެއް ދިނުމަށް އެދެއެވެ. ފެން ބުއިމަށްޓަކާ ދެބަފައިން މަޑުކުރީ ހޮޓަލެއްގެ ދޮރުމަތީއެވެ. މައޯ ޒެންޖިންގް އަތުގައި އެވަގުތުހުރީ ހޫނުފެންކަމުން، ދަރިފުޅަށް ފެންދިނުމުގެ ކުރިން ހިހޫކޮށްލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ދަނޑިވަޅުބަލާ ބަޔަކު މީހުން ވަނީ މައޯ ޔިން ވަގަށް ނަގާފައެވެ. އޭރު އޭނާގެ އުމުރުން އެންމެ 2 އަހަރެވެ.

ދަރިފުޅު ހޯދުމަށްޓަކާ އެ ދެމަފިރިން ޒިއާން ސިޓީގެ އެތަން މިތަން ހޯދާ ބެލިއެވެ. ޕޯސްޓަރުތަކާއި ފްލަޔާޒްތައް ބަހާހެދިއެވެ. އެގޮތުން 100 ހާހަށްވުރެ ގިނަ ފްލަޔާޒް ޗައިނާގެ 10 އަކަށްވުރެ ގިނަ ޕްރޮވިންސްއަށް ބަހާފައިވެއެވެ. އެވަރުން އަދި ނިންމާލީކީނޫނެވެ. ކަމާބެހޭ ފަރާތްތަކަށް މައްސަލަ ރިޕޯޓްކުރުމުގެ އިތުރުން، ދަރިފުޅު ހޯދުމަށްކުރާ މަސައްކަތުގަައި އެހީތެރިވުމަށް ޗައިނާގެ މަޝްހޫރު އެތައް ޓީވީ ޝޯތަކަކަށް އަރާ ޢާއިލާއިންވަނީ މައޯ ޔިންގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. ދަރިފުޅާ ގުޅުންހުރި 300 އަށްވުރެ ގިނަ ލީޑު ލިބުނުއިރުވެސް، އެއިން އެއްވެސް ފަހަރަކު ނަސީބު އަތަކު ނުހިފިއެވެ. ދަރިފުޅު ފެންނަ ގޮތެއް ނުވިއެވެ.

ދަރިފުޅު ފެނިދާނެކަމުގެ އުއްމީދުގައި ލީ ޖިންގްޝީ ވަނީ އޭނާ އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލާ، "ބޭބީ ކަމް ބެކް ހޯމް" ކިޔާ ގްރޫޕެެއްގައި 2007 ވަނަ އަހަރުން ފެށިގެން ހިލޭ ސާބަހަށް މަސައްކަތްކުރަން ފަށާފައެވެ. ލީގެ މި މަސައްކަތުގެ ތެރެއިން އޭނާގެ އަމިއްލަ ދަރިފުޅު ނުފެނުނު ނަމަވެސް އޭނާ ވަނީ ގެއްލިގެން ހޯދަމުންދިޔަ 29 ކުއްޖަކު، އެކުދިންގެ ޢާއިލާއާއި ގުޅުވާދީފައެވެ.

މައޯ ޔިން ހޯދުމަށް އޭނާގެ ޢާއިލާއިން ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތްތަކަށް އުއްމީދު ލިބިގެންދިޔައީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެއީ ޒިއާން ސިޓީއާއި ގާތްގަނޑަކަށް 1000 ކިލޯމީޓަރު ނުވަތަ 620 މޭލު ދުރުން ޗައިނާގެ ދެކުނު ހުޅަނގުން އޮންނަ ސިޝުއާން ޕްރޮވިންސްގެ މީހަކު މީގެ އަހަރުތަކެއް ކުރިން ތުއްތު ފިރިހެން ކުއްޖަކު އެޑަޕްޑް ކުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުންނެވެ. މިއާއެކު ފުލުހުން ވަނީ އޭރު އެޑަޕްޓްކުރި މިހާރު ޢުމުރުން 34 އަހަރުވެފައިވާ ޒުވާނާގެ ޑީ.އެން.އޭ ސާމްޕަލްނަގައި، މައޯ ޒެންޖިންގާއި އޭނާގެ އަންހެނުން ލީ ޖިންގްޝީގެ ޑީ.އެން.އޭ ދިމާވޭތޯ ބަލާފައެވެ. ޓެސްޓްތަކުގެ ނަތީޖާއައީ ޕޮޒިޓިވްކޮށެވެ.

ޗައިނާގެ ފުލުހުން ހާމަކޮށްފައިވާގޮތުން މައޯ ޔިން ވަގަށް ނެގުމަށްފަހު، އެކަމުގައި ބައިވެރިިވި މީހުން ވަނީ ދަރިން ނުލިބޭ ދެމަފިރިއަކަށް 6000 ޔުއާނަށް އޭނާ ވިއްކާލާފައެވެ. އެއީ މިހާރަށް ބަލާނަމަ 840 އެމެރިކާ ޑޮލަރެވެ. މައޯގެ ނަން ގޫ ނިންގް ނަމަ ބަދަލުކޮށް އޭނާ ބަލާބޮޑުކޮށްފައިވަނީ އެ އާއިލާއިންނެވެ. ސްކޫލް މަރުހަލާ ނިންމުމަށްފަހު އޭނާއަކީ މިހާރު ގޭތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާން ވިޔަފާރިވެރިއެކެވެ.

މައޯ ޔިން ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެ، އޭނާ ފެނުނުކަމުގެ އުފާވެރި ޚަބަރު އޭނާގެ އަސްލު ބައްޕައާއި މަންމައަށް ފުލުހުން ހިއްސާކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އިއްތިފާޤަކުން އެދުވަސް ދިމާވީ މަންމައިންގެ ދުވަހާވެސްމެއެވެ. ސައުތް ޗައިނާ މޯނިންގ ޕޯސްޓާއި ވާހަކަދައްކަމުން މައޯގެ މަންމަ ލީ ޖިންގްޝީ ބުނެފައިވަނީ މައިންގެ ދުވަހު މިއަށްވުރެ ބޮޑު އުފަލެއް، މިއަށްވުރެ ބޮޑު ހަދިޔާއެއް އެއްވެސް މަޔަކަށް ނުލިބޭނެކަމަށެވެ. އަދި ދަރިފުޅު ހޯދަން ކުރި މަސައްކަތުގައި ހުރިހާ ގޮތަކުން އެހީތެރިވެދިން އެންމެނަށް ޝުކުރުއަދާކުރާކަމަށެވެ.

"ދަރިފުޅު ފެންނާނެކަމާމެދު އަހަރުމެން ކުޑަކޮށްވެސް އުއްމީދު ކަނޑައެއްނުލަން. ގެއްލިގެން ހޯދަމުންދިޔަ 29 ކުއްޖަކު އެމީހުންގެ ޢާއިލާއާއި ގުޅުވައިދެވުނު ފަހުން އަމިއްލަ ދަރިފުޅު ފެނުމުން ލިބުނީ ބަޔާންކުރަންވެސް ނޭގޭވަރުގެ ހިތްހަމަޖެހުމަކާއި އުފަލެއް. ދެންވެސް މިގޮތަށް ގެއްލޭ ކުދިން ހޯދުމުގެ މަސައްކަތުގައި ދެމިތިބޭނަން" ލީ ޖިންގްޝީ ބުނެފައިވެއެވެ.

32 އަހަރަށްފަހު މައޯ ޔިން އޭނާގެ އަސްލު މައިންބަފައިންނާއި ފުރަތަމަ ފަހަރަށް ބައްދަލުކޮށްފައިވަނީ ޗައިނާގެ ފުލުހުންގެ ފަރާތުން ޒިއާން ސިޓީގައި މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިންނެވެ. އަސަރުން ފުރިގެންވާ މިވަގުތުކޮޅުގެ ފޮޓޯއާއި ވީޑިއޯތައް ވަނީ ބައިނަލްއަޤްވަމީ މީޑިއާތަކުގެ ސަމާލުކަންވެސް ހޯދާފައެވެ.

ޕްރެސް ކޮންފަރެންސް ކުރިއަށްދިޔަ ހޯލަށް ވަނުމަށް މައޯ ދޮރު ހުޅުވާލުމުން، އޭނާގެ މައިންބަފައިން ފެނުމުން، "މަންމާ"އޭ ކިޔާ ރޮމުން ދުއްވައިގަންނަ މަންޒަރުން ފެނިގެންދެއެވެ. މަންމައާއި ބައްޕަގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރެމުންދިޔަހާލު، ދަރިފުޅުގައިގައި ލޯބިން ބޮސްދޭ މަންޒަރުތައް ފެނިގެންދެއެވެ. އަދި އެ މަންޒަރު ބަލަންތިބި ފުލުހުންނާއި ނޫސްވެރިންގެ ލޯތައްވެސް ފެންކަޅިވެފައިވާ މަންޒަރު ފެނިގެންދެއެވެ.

މިއަސަރުގަދަ ވަގުތުކޮޅަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން މައޯ ޔިން ބުނެފައިވަނީ މުސްތަަޤުބަލާމެދު އަދި ވަކި ގޮތެއް ނުނިންމިނަމަވެސް، މިހާރު ބޭނުންވަނީ އޭނާގެ ޢާއިލާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށްކަމަށެވެ. މި މައްސަލައަކީ އަދިވެސް ތަޙްޤީޤުކުރަމުންދާ މައްސަލައެއްކަމުން މައޯ ޔިން އެޑަޕްޓްކުރުމަށްފަހު އޭނާ ބަލާބޮޑުކުރި ދެމަފިރިންގެ އެއްވެސް މަޢުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއްނުވެއެވެ.