ވިޔަފާރި

ކޯވިޑް-19އިން ރައްކާތެރިވުމަށް އެންމެ މުޙިއްމީ ރަނގަޅު ސިއްޙީ ނިޒާމެއްް- ރައީސް ނަޝީދު


ކޯވިޑް-19އިން ރައްކާތެރިވުމަށް އެންމެ މުޙިއްމީ ރަނގަޅު ސިއްޙީ ހިދުމަތްތަކެއް ހިމެނޭ ނިޒާމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ކޮމަންވެލްތު ޓޫރިޒަމް ޑިއުރިންގ ދަ ކޯވިޑް-19 ލޮކްޑައުން: އިމީޑިއޭޓު ރެސްޕޮންސަސް އެންޑު ފިއުޗަރ އޮޕޮޗިއުނިޓީސް"ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަކީ ކުރިއަރާފައިވާ ދާއިރާއެއްކަމަށާއި ކަރަންޓީން ކުރުމުގެ ބަދަލުގައި އަމަލުކުރެވިދާނެ އިތުރު ގޮތްތަކެއް ހޯދަން މިހާރު ޖެހޭކަމަށެވެ. އަދި ޤައުމުތަކުގެ ސިއްޙީ ދާއިރާތައް ކުރިއަރުވާ ބައްޔާ ދެކޮޅަށް މަސައްކަތްކުރުން މުޙިއްމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކޮމަންވެލްތު ޓޫރިޒަމް ޑިއުރިންގ ދަ ކޯވިޑް-19 ލޮކްޑައުން: އިމީޑިއޭޓު ރެސްޕޮންސަސް އެންޑު ފިއުޗަރ އޮޕޮޗިއުނިޓީސް"ގެ ނަމުގައި ބޭއްވި މި ބައްދަލުވުމުގައި، ޤައުމުތަކުގެ އިސްވެރިވެރިންނާއި، ކުރިއަރާފައިވާ ވިޔަފާރިތަކުގެ ވެރިން ބައިވެރިވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، މިހާލަތުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ފަތުރުވެރިކަމުގެ ކުރިމަގާއި ގުޅޭގޮތުން ވެބިނަރގެ ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ.

ވެބިނަރ އިންތިޒާމްކުރި ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލަކީ، ކޮމަންވެލްތުގެ ވިޔަފާރީގެ ނެޓްވޯކެވެ. ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދީ ޤައުމުތަކުގެ މެދުގައި އިންވެސްޓުމަންޓުތައް އިތުރުކުރުމަށް މި ކައުންސިލުން މަސައްކަތްކޮށްދެއެވެ.