ޚަބަރު

އަންނަ ހަފްތާގައި "ޓެލިކިލާސް" ފަށަނީ


އަންނަ ހަފްތާގައި ޓެލިކްލާސްތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިގޮތުން ޓިވީ މެދުވެރިކޮށް އަންނަ ހަފްތަގެ ހޯމަދުވަހު ފައުންޑޭޝަން ލެވަލްއިން ގްރޭޑް 12އާ ހަމައަށް ކިޔެވުން ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށާ، ފިލާވަޅޫތައް ދެއކުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ ޗެނަލްތަކުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމަުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ މީގެކުރިން ޓެލިކިލާސް ކުރިއަށް ގެންދިޔަގޮތާ މިފަހަރު ތަފާތުވާނެކަމަށެވެ. މިގޮތުން މިފަހަރުގެ ކްލާސްތައް ރާއްޖޭގެ އެކި ކަންކޮޅުތައް ހިމެނޭގޮތަށް ގިނަ ސްކޫލްތަކުގެ މުދައްރިސުން ބައިވެރިވެ ފިލާވަޅުތައް ނަގައިދެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުދައްރިސުން ފިލާވަޅުތައް ތައްޔާރު ކުރާނީ އެމީގެއްގެ ގޭގައި ނުވަތަ ސްކޫލްއަށް ގޮސްގެންކަމަށްވެސް އިހްސާން ވިދާޅުވިއެވެ. އެއަށްފަހު އެ ފިލާވަޅުތައް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުމުން މިނިސްޓްރީގެ ޓީމާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އެފިލާވަޅުތައް ޓީވީން ދައްކަން ފަށާނެކަމަށެވެ.

ބައެއް ސްކޫލުތަކުން މިހާރު ވެސް ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުކުރަމުން އަންނަކަމަށާ، ޓެލި ކިލާހުގެ ފިލާވަޅުތައްވެސް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ފިލާ" ޕޯޓަލްއިން ފަހުން ބަލާލެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކަޑަމިކް ކަލަންޑަރާ އެއްގޮތަށް ގޫގުލް ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދާއިރު، ޓެލިކިލާހަކީ އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އެއްޗެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުކުރިތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މީގެ ކުރިން ވެސް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނެވެ. ނަމަވެސް މާލެއިން ކޯވިޑް-19ގެ ބަލި މީހަކު ފެނި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުން ވެސް މެދުކަނޑާލިއެވެ.