ވިޔަފާރި

އިޤްތިޞާދު ޤުރުބާންކުރީ ރައްޔިތުންގެ ރައްކާތެރިކަމަށް- ޢަލީ ވަޙީދު


ކޯވިޑްއާ ގުޅިގެން އިޤްތިސާދީގޮތުން އެންމެ ބޮޑު ގެއްލުމެއްވެފައިވާ ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، އިޤްތިޞާދަށް ގެއްލުން ވިޔަސް ސަރުކާރުން އިސްކަންދޭނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

"ކޮމަންވެލްތު ޓޫރިޒަމް ޑިއުރިންގ ދަ ކޯވިޑް-19 ލޮކްޑައުން: އިމީޑިއޭޓު ރެސްޕޮންސަސް އެންޑު ފިއުޗަރ އޮޕޮޗިއުނިޓީސް"ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވުމަކީ އެފިޔަވަޅުތަކުގެ ނަތީޖާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށްވެ.

"ކޮމަންވެލްތު ޓޫރިޒަމް ޑިއުރިންގ ދަ ކޯވިޑް-19 ލޮކްޑައުން: އިމީޑިއޭޓު ރެސްޕޮންސަސް އެންޑު ފިއުޗަރ އޮޕޮޗިއުނިޓީސް"ގެ ނަމުގައި ބޭއްވި މި ބައްދަލުވުމުގައި، ޤައުމުތަކުގެ އިސްވެރިވެރިންނާއި، ކުރިއަރާފައިވާ ވިޔަފާރިތަކުގެ ވެރިން ބައިވެރިވެފައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، ކޯވިޑް-19ގެ މިހާލަތުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ފަތުރުވެރިކަމުގެ ކުރިމަގާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ބޮޑެތި ޤައުމުތަކަށް ބޭރު ޤައުމުތަކުން ފަތުރުވެރިން ގެނައުމުގެ ބަދަލުގައި އެތެރޭގެ ދަތުރުފަތުރުތައް އިތުރުކޮށް، ފަތުރުވެރިކަމުގެ ނަފާ ލިބޭނެ ފަދަ ގޮތްތަކާމެދު މަޝްވަރާ ކުރެވުނެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ކޮމަންވެލްތުގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ވެބިނަރގައި 2 ޕެނަލް ޑިސްޑަޝަނެއް ކުރިއަށްދިޔައެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ބައިވެރިވަޑައިގެންނެވީ، ކޯވިޑް-19 އާއި ދެކޮޅަށް ފަތުރުވެރިކަމުގެ ސިނާއަތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ޕެނަލް ޑިސްކަޝަންގައެވެ. ކޯވިޑް-19އާ ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދެވެ.

ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލަކީ، ކޮމަންވެލްތުގެ ވިޔަފާރީގެ ނެޓްވޯކެވެ. ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދީ ޤައުމުތަކުގެ މެދުގައި އިންވެސްޓުމަންޓުތައް އިތުރުކުރުމަށް މި ކައުންސިލުން މަސައްކަތްކޮށްދެއެވެ.