ޚަބަރު

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް އޮންލައިންކޮށްފަށައި، ލައިވްކުރަން ނިންމައިފި


ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމަވައި ޔޫޓިއުބާއި ޓްވިޓާ މެދުވެރިކޮށް ވަޤުތުން ދުރަށް ދެއްކުމަށް އެކޯޓުން ނިންމަވައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޙީ ކުލިނުރައްކަލުގެ ޙާލަތާ ގުޅިގެން ޝަރީޢތަތްތައް ވަނީ ކުރިއަށް ނުގެންދެވި މެދުކެނޑިފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށް ގެންދާނެގޮތުގެ ޤަވާޢިދެއް އެކުލަވާލައި މިއަދުވަނީ ޢާންމުކޮށްފައެވެ.

އޮންލައިންކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާ ޢާންމުކުރި ޤަވާއިދުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެގޮތާއި، މައްސަލަ ރަޖިސްޓްރީކުރުމުގައި ޢަމަލުކުރެވޭނެގޮތާއި، މައްސަލައާގުޅޭ އިބްތިދާއީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ޚަޞްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތްވަނީ ބަޔާންކުރައްވާފައިވެއެވެ.

އަދި ޝަރީޢަތާގުޅިގެން ފޮނުވަންޖެހޭ ކޯޓުއަމުރު ފޮނުވޭނެގޮތާއި، ޝަރީޢަތުގެ މަޖިލީސްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެގޮތާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގައި ޢަމަލުކުރެވޭނެގޮތުގެ އިތުރުން، ޝަރީޢަތާ ގުޅުންހުރި އެނޫންވެސް މުޢާމަލާތްތައް މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދާނެގޮތް މި ގަވާއިދުގައި ހިމެނެއެވެ.

މި ޤަވާއިދުގައި ބުނެފައިވާގޮތުގައި މައްސަލަ ރަޖިސްޓްރީކުރުމަށް ފަހު މައްސަލައިގެ ބެންޗް ކަނޑައަޅައި، މައްސަލައިގެ އިލެކްޓްރޯނިކް ފައިލް ފަނޑިޔާރުންނާ ޙަވާލުކުރެވޭނެއެވެ.
ޝަރީޢަތްތައް ޝެޑިއުލްކުރުމާއި، ޝަރީޢަތުގެ މަޖިލީސްތައް ކުރިއަށް ގެންދިއުމާގުޅޭގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ހަމަޖައްސާނީ މައްސަލަ ބަލާ ޝަރުޢީ ސެކްޝަނުންކަމަށާއި، މިގޮތުން ބާއްވާ ޝަރީޢަތްތައް އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމެއް މެދުވެރިކޮށް ބޭއްވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުރުން ކުރިއަށްގެންދާ އަޑުއެހުންތަކުގައި ހޭދަވާވަގުތު ވީހާވެސް މަދުކުރުމުގެގޮތުން، މައްސަލައާގުޅޭ ލިޔެކިޔުންތައް ދުރާލައި ބަދަލުކުރެވިގެން މައްސަލަ ކުރިއަށްގެންދެވޭ ޙާލަތުގައި، މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލީހުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދެވޭނީ ޚަޞްމަށް ނުވަތަ އެފަރާތުގެ ޤާނޫނީ ވަކީލަށް ނުވަތަ ބަދަލު ހަމަޖައްސާފައިވާ ފަރާތަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން، ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ދެވޭނީ ދިހަ މިނިޓްގެ ފުރުސަތެއްކަމަށާއި، އެއަށްފަހު ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެމަތީން ފުރުސަތު ދެވޭނެކަމަށް މި ޤަވައިދުގައިވެއެވެ.

ދުރުން ކުރިއަށްގެންދާ އަޑުއެހުންތަކުގައި އެންމެ މަދު މުވައްޒަފުން އޮފީހަށް ނެރެގެން ޝަރީޢަތް ހިންގުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށާ، މިގޮތުން ކޯޓަށް ހާޒިރުވާ މުވައްޒަފުން، ކޯޓަށް އަންނައިރުއާއި ކޯޓުގައި އުޅޭއިރު އަދި ކޯޓުން އެނބުރި ދާއިރުވެސް، މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށް ޤަވާޢިދުގައި ވެއެވެ.

މިއަދުން ފެށިގެން މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީޢަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެތީ، ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެކަމަށް އެކޯޓުން ވިދާޅުވެއެވެ.

މިގޮތުން، ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޢާންމުކޮށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެކމަށްވެސް މި ޤަވާއިދުގައިވެއެވެ.

މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ [email protected] އީ-މެއިލް އަށެވެ. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކުރަމުންގެންދާނީ އީ-މެއިލް، ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ. ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ކުރިއަށް ގެންދެވެންނެތް ޝަރީޢަތްތައް ފިޔަވައި އެނޫން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓެލެކޮންފަރެންސިންގ ވަސީލަތެއް ކަމުގައިވާ "މައިކްރޯ ސޮފްޓް ޓީމްސް" މެދުވެރިކޮށްކަމަށް އެކޯޓުން ވިދާޅުވެއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުންގެންދާނީ އީ-މެއިލް ނުވަތަ އެނޫންވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެންކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.