ޚަބަރު

ޢާއްމު ގޭބިސީތަކުގައި ފެން ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައި: އެމްޑަބްލިއުއެސްސީ


މާލެ ސަރަޙައްދުގައި އެވްރެޖްކޮށް ރޯދަމަހެއްގައި ފެން ބޭނުންކުރާ މިންވަރަށްވުރެ މިރޯދަމަހު ފެން ބޭނުންކުރި މިންވަރު ދަށްވެފައިވާކަމަށާއި އެހެން ނަމަވެސް އާއްމު ގޭބިސީތަކުގައި ފެންބޭނުން ކުރި މިންވަރު ވަނީ އިތުރުވެފައި ކަމަށް ފެން ކުންފުނިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާޙް ވިދާޅުވީ، މިދުވަސްވަރަކީ އެހެން އަހަރުތަކުގައި ޢާއްމުގޮތެއްގައި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެއްކަމަށެވެ. ކޯވިޑް ނަވަރާއިގެ ސަބަބުން ދިމާވެފައިވާ ލޮކްޑައުންގެ ޙާލަތާއި ރޯދަމަހާއި އަދި މިއަހަރުގެ ހޫނު މޫސުން ބައްދަލުވުމާއެކު ފެން ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެކަމަށް ލަފާކުރެވުނުކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާޙް ވިދާޅުވިއެވެ. އެހެންނަމަވެސް އެވްރެޖްކޮށް ވޭތުވެދިޔަ ދުވަސްތަކުގައި ފެން ބޭނުންކުރި މިންވަރު ދަށަށް ގޮސްފައިވާކަމަށް ޝާޙު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިގޮތަށް ދިމާވި މައިގަނޑު ސަބަބެއް ކަމަށް ލަފާކުރެވެނީ ކޯވިޑް ނަވާރައާއި ގުޅިގެން ރެސްޓޯރެންޓް ހޮޓާތަކާއި ގެސްޓް ހައުސްތައް ބަންދުކުރަން ޖެހުމާއި ގުޅިގެންކަމުގައި ބެލެވޭ ކަމަށެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތައި ގުޅިގެން މާޗުމަހު ކޮންމެ ގޭސީއަކަށް އެއްޓަނުގެ ފެން ހިލޭ ދިނުމަށްފަހު މިހާރު އޮތް ލޮކްޑައުންއާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާގޮތަށް ފެން ބިލުން 30 އިންސައްތަ ޑިސްކައުންޓާއެކުވެސް ބިލު ބޮޑުވުމުގެ މައްސަލަވަނީ ކުރިމަތިވެފައެވެ. މިދުވަސްވަރު ގޭބިސީތަކުގެ ފެންބިލްތައް ބޮޑުވެފައިވާކަމަށާއި އެކަމުގެ ޝަކުވާތައް އެކުންފުންޏަށް ލިބެމުން އަންނަކަމަށްވެސް ޝާޙު ވިދާޅުވިއެވެ.

"ފެން ބިލް ބޮޑުވުމުގެ ޝަކުވާތައް ވަނީ އިތުރުވެފައި. އެގޮތަށް ޝަކުވާތަކާއި ގުޅިގެން ބަލާއިރު ޢާއްމުގޮތެއްގައި ފެން ބޭނުންކޮށްފައި ހުންނަ މިންވަރު ހުންނަނީ ހަމަ މަތީގައި. އެހެން އެގޮތަށް ދިމާވާން މެދުވެރިވެފައިވަނީ ހުރިހާ ފަރާތަކުންވެސް ގޭގައި ތިބުމާއެކު އެޗްޕީއޭގެ ގަވާއިދާއެއްގޮތަށް ގިނަގިނައިން އަތް ދޮވުމާއި ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުކަން އިސްކުރުމުންކަމަށް މިބެލެވެނީ. އެގޮތަށް މިދަންނަވަނީ ކުރިއާ ޚިލާފަށް ގެއިން ބޭރުގައި އުޅުމަށްފަހު ގެއަށް ގޮސް ފެންވެރުމާއި ބޭރުގައި އުޅޭއިރު ލައިގެން ހުންނަ އަންނައުނު ދޮވުން މިހާރު ވަރަށްބޮޑަށް ވަނީ އިތުރުވެފައި. އެހެންކަމުން ހަމަ ފެން ކޮންސަމްޝަން އިތުރުވެގެން ބިލް ބޮޑުވެފައިހުރީ" ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ލޮކްޑައުންގެ ޙާލަތުގައި ބިލްކުރަނީ އެކަމަށް ޚާއްސަ އެފެއް މެދުވެރިކޮށެވެ. އަދި އެޕް ބޭނުން ނުކުރާ ފަރާތްތަކަށް ވޭތުވެދިޔަ 3 މަހުގެ އެވްރެޖް ބިލެއް ދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިގޮތަށް މިކަން ކުރާއިރު މިވަގުތު މާލޭގައި ނެތްފަރާތްތަކަށް މިފަދަ ބިލެއް ގޮސްފައި އޮވެދާނެކަމަށާއި ލޮކްޑައުންގެ ޙާލަތު ރަނގަޅުވުމުން މިކަން ޙައްލުކުރެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

އެކުންފުނިން ބިލް ކުރަމުން އަންނަނީ 3 ބޭންޑަކުންނެވެ. އެއީ 27 ރުފިޔާގެ ބޭންޑަކާއި 75 ރުފިޔާގެ ބޭންޑަކާއި 90 ރުފިޔާއިން މަތީގެ ބޭންޑެކެވެ. މި ބޭންޑުތަކުން ފެނަށް ޗާޖުކުރާއިރު އެގޭބިސީއަކުން ފެން ބޭނުންކުރާ މިންވަރު އެޕުން ބަލާލެވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެމްޑަބްލިއުއެސްސީން ފެނުގެ ޚިދުމަތް ދެމުން އަންނަނީ މާލެއާއި ހުޅުމާލެއާއި މާފުއްޓާއި ތިލަފުއްޓާއި ގުޅީފަޅާއި ދުވާފަރާއި ކުޅުދުއްފުއްޓަށެވެ. ކޯވިޑް ނަވާރައާއި ގުޅިގެން ފެންކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށްފައިވާއިރު މިދުވަސްވަރު ހުރިހާ ފަރާތަކުންވެސް އެޕް މެދުވެރިކޮށް ބިލުގެ ކަންކަން ހަމަޖެއްސުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކުރެއެވެ. އަދި ބިލާ ގުޅޭ މައްސަލައެއް އޮތްނަމަ އެކުންފުނީގެ ހޮޓްލައިން 105ކަށް ގުޅައިގެން އެކަން ހައްލު ކުރެވޭނެ ކަމށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެފައިވެއެވެ.