އަޅުގަނޑުމެންގެ ވެރިރަސްކަނލާނގެ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ބައެއް ދުވަސްތަކާއި ރޭތަކާއި މައްސަރުތައް، އެނޫން އެހެން ދުވަސްތަކާއި ރޭތަކާއި މައްސަރުތަކުގެ މައްޗަށް މާތް ކުރައްވައި މަތިވެރިކުރައްވާފައެވެ.
އަޅުގަނޑުމެން މިހޭދަކުރަމުންޑާ ބަރަކާތްތެރި ރަމަޟާންމަހަކީ އެފަދަ މަސްތަކުގެތެރެއިން މައްސަރެކެވެ. ރަމަޟާންމަހުގެ ސަވާބާއި ދަރުމަ ހޯދުމަށް މިމަހުގެ ދުވަސްތަކާއި ރޭތަކުގައި އަޅުގަނޑުމެން ގަދައަލައި މަސައްކަތްކުރަން ޖެހެއެވެ. ވަކިންޚާއްސަކޮށް ރަމަޟާން މަހުގެ ރޭތަކުގެތެރެއިން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވާކަން މާތްﷲ ވަނީ އަންގަވާފައެވެ. އެއީ ލައިލަތުލް ޤަދުރިއެވެ. ނުވަތަ ޤަދަރު އުފުލިގެންވާ ރެއެވެ. އެއް ހާސް މައްސަރަކީ ޖުމުލަ 83 އަހަރާއި 4 މަސްދުވަހެވެ. އަޅުގަނޑުމެންގެ ތެރެއިން ޢުމުރުން 83 އަހަރުވަންދެން ދުނިޔޭގައި ތިވެނީ ނިސްބަތުން މަދުބަޔެކޭ ދެންނެވިދާނެއެވެ. އެހެންކަމުން ލައިލަތުލްޤަދުރީގެ މަތިވެރިކަން ލިބިއްޖެމީހާ އޭނާގެ މުޅި ޢުމުރު އެއްވެސް ކުށެއްނެތި ހެޔޮޢަމަލުކުރުމާއި އަޅުކަމުގައި ހޭދަކުންފަދަ، އެހެންނޫންތޯއެވެ؟ މިއީ ޢާއްމު ޙާލަތެއްގައި އެއްވެސް އިންސާނަށް ލިބޭނޭ ނަޞީބެއް ނޫނެވެ.
ލައިލަތުލްޤަދުރިރޭ ހިމެނިގެންވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުންގެ ތެރެއިން ރެއެއްކަމުގައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެރޭ ޤަދަރުވެރި ރެއަކަށްވީ އެރޭ މާތްﷲ ކީރިތި ޤުރްއާންބާވާލައްވާފައި ވާތީއެވެ. ކީރިތި ޤުރުއާނުގެ ސޫރަރުން ޤަދުރީގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައި ލެއްވީމެވެ."
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. އެއަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޤުރްއާން ތަފާތު އެކި ދުވަސްދުވަހު އެކި ޙާދިޘާތަކާ ގުޅޭގޮތުން މަޑުމަޑުން ބާވައިލައްވަމުންގޮސް ޤުރްއާން ބާވައިލައްވައި މުޅިން ނިމުނީ 23 އަހަރުންނެވެ.
އެމަތިވެރިރޭގެ ޢަލާމާތްތަކެއް ވާކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއީ ކަނޑައެޅިގެން ކޮންރެއެއްކަން އަންގަވާފައި ނުވާތީ އަޅުގަނޑުމެންގެ މައްޗަށް އޮތީ އެންމެ ކުޑަމިނުން ރަމަޟާންމަގެ ފަހުދިހައިގެ ހުރިހާ ރެއެއްގައި އެރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރައްވާފައިވާގޮތުގައި ލައިލަތުލް ޤަދުރި ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައެވެ. އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ، މިއިން ކޮންމެވެސް އެއް ރެއެކެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ސުލްޙަވެރިކަމާއި، އަމާންކަމުގެ ރެއެވެ. އެރޭގައި މާތްﷲ ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއްވެސް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. އެރޭ ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި މިއަމާންކަން އޮންނާނެއެވެ. ޤަދުރު ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ "އެއީ ފަތިސްވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."
ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެރޭ ދުޢާކުރުމަށް ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއިން މުސްލިމުން ދުޢާކުރުން ގިނަކުރަންޖެހެއެވެ. އެއީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي އެވެ. މާނައަކީ : ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބްރަސްކަލާނގެއީ މާފުކުރައް މާފު ދެއްވުމަށް ލޯބިކުރައްވާ ރަސްކަލަނގެއެވެ. ފަހެ މި އަޅާއަށް މާފު ކުރައްވަނދޭވެ!