ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ މިއަދު ހދ.ގެ 4 ރަށަކަށް ވަޑައިގެންފި


ސަރުކާރުގެ ތައުލީމީ ސިޔާސަތު ރައްޔިތުންނާއި ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ތިލަދުންމަތީ ދެކުނުބުރީގެ ސުކޫލްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ މިހާތަނަށް ހަތަރު ރަށެއްގެ ސްކޫލްތަކަށް ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މިނިސްޓަރ ޒިޔާރަތްކުރައްވާފައިވާ ރަށްރަށަކީ، ހދ. ނާވާއިދޫ، ނެއްލައިދޫ، ކުރިނބި އަދި ނޭކުރެންދޫއެވެ.  ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ އިއްޔެވެސް ވަނީ ތިންރަށަކަށް ވަޑައިގެން އެރަށްރަށުގެ ސްކޫލްތަކުގެ ހާލަތު ބައްލަވާ ލައްވާފައެވެ. އިއްޔެ ހދ. ފިނޭއާއި އެ އަތޮޅު ހިރިމަރަދޫއާ  ހަނިމާދޫއަށް ޒިޔާރަތްކުރައްވާފައިވެއެވެ. އެޑިޔުކޭޝަން މިނިސްޓަރ ވަނީ މި ހުރިހާ ރަށެއްގެ ސްކޫލުތަކަށް ޒިޔާރަތްކުރައްވާ، ސްކޫލްތަކުގެ އިސް މެނޭޖްމެންޓާއި، ސްކޫލުތަކުގެ ޓީޗަރުންނާއި ޕީޓީއޭގެ މެންބަރުންގެ އިތުރުން، ރަށު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރިޔަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވަނީ މައުލޫމާތުދެއްވާފައެވެ.ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި ކިޔަވާދިނުމުގައި ހުރި ގޮންޖެހުންތައް ބައްދަލުވުމުގެ ބައިވެރިންވަނީ މިނިސްޓަރާއި ހިއްސާކޮށްފައެވެ. މިނިސްޓަރ މިއަދު އަދި އިތުރު ދެރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.