ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވި މީހުންގެ އަދަދު 80އަށް


ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު 6 މީހުން ރަނގަޅުވެ ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 80 އަށް އިތުރުވެއްޖެއެވެ.

ބަލިން ރަނގަޅުވި މީހުންގެ ތަފްސީލެއް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަދި ހާމަކުރައްވާފައެއްނުވެއެވެ.

ރާޢްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރޭގެ 10:00އާއި ހަމައައަށް އިތުރު 15 މީހަކު ބަލިން ރަނގަޅުވެފައިވާކަން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ހާމަކުރައްވަފައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރޭގެ މެންދަމު 12 ޖެހުމާއަމައަށް މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 11 ފިރިހެނުންކަމަށެވެ. އެއީ 7 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 8 މީހުންކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 1100 އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން އިތުރުކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. އަދި މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކޮށްފައެވެ.

ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ އަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 73 ދުވަސް ވެފައިވާއިރު، އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވާން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުނު ހިސާބުންނެވެ. އޭގެފަހުން މިހާތަނަށް މަސްދުވަސްވެފައިވާއިރު، މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެެވެ. މީގެތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.