ކޯވިޑް-19އަށް ޓެސްޓު ކުރުމަށް އައްސޭރި ޖަލާއި މާލެ ޖަލުން ހޮނިހިރު ދުވަހު ނެގި ސާޕަލްތައް ނެގެޓިވް ވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، އައްސޭރި ޖަލުންނާއި މާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގެޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދެއްވާފައިވާކަމަށެވެ.
ޖަލުތަކަށް ކޯވިޑް-19ގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ކުރި މި މަސައްކަތުގެ ދަށުން އައްސޭރި ޖަލުން 25 ޤައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި މާލެ ޖަލުގެ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 މީހެއްގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން 20 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.
މި ދެ ޖަލުން 72 ސާމްޕަލް ނަގާފައިވާއިރު، މި ސާމްޕަލްތައް ނަގާފައިވަނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.
ޖަލުތަކަށް ކޯވިޑް-19ގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާފުށީ ޖަލާއި ހިންމަފުށި ޖަލުންވެސް ވަނީ ސާމްޕަލްތައް ނަގައި ޓެސްޓު ކޮށްފައެވެ.