ޚަބަރު

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯސް ފަށައިފި


  • ކޯސް ކުރިޔަށްދަނީ އައްޑޫ ސިޓީގައި

  • ކޯހުގައި 22 ފުލުހުން ބައިވެރިވޭ

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފިއެވެ.

މި ކޯސް ފަށާފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މި މަހު 21 ވަނަ ދުވަހުއެވެ.

މި ކޯހުގެ މައިގަނޑު މަޤުސަދަކީ، ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަސައްކަތްތަކަށް އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަރުބިއްޔަތު ދީ، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ފުލުހުން ތައްޔާރު ކުރުމެވެ.

ކޯހުގެ މުއްދަތުގައި ދަރިވަރުންނަށް އިންޑޯރ އަދި އައުޓްޑޯރ މާއްދާތައް ހިމެނޭހެން ޖުމްލަ 06 މޮޑިއުލްއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މޮޑިއުލްތަކުގެ ތެރޭގައި ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި، މުހިންމު ހުނަރުތަކާއި، ޢިލްމު އަދި މުއާމަލާތު ކުރުމުގެ ހުނަރުތައް އުނގަންނައިދޭނެއެވެ.

މީގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާޢީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ޤާނޫނާއި ޤަވާއިދުތަކާއި މުއާމަލާތް ކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަޚުލާޤާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައްވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދެވޭނެއެވެ.

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ކޯހުގައި ޖުމްލަ 22 ދަރިވަރުން ބައިވެރިވެއެވެ. އެއީ، 16 ފިރިހެން ފުލުހުންނާއި 06 އަންހެން ފުލުހުންނެވެ.