ޚަބަރު

އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން މިނިސްޓްރީގައި ރަޖިސްޓަރ ވުމަށް އެދިއްޖެ

އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުން، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީ ވުމަށް އެ މިނިސްޓްރީން އެދިވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ލިބިފައި އޮތުމަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދިމާވާ ކަންކަން އަވަހަށް ނިންމުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ www.mohe.gov.mv ވެބްސައިޓުގައި ހާއްސަކޮށްފައިވާ ލިންކުން ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިގޮތަށް އެދިފައިވަނީ ކޯވިޑް-19 ފަދަ ކާރިސާއަކާ ގުޅިގެން، ދަރިވަރުންނާ އެއްވެސް ކަހަލަ މުއާމަލާތެއް ކުރަންޖެހިއްޖެނަމަ ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލަންޖެހިއްޖެ ހިނދެއްގައި ވެސް ދަރިވަރުން ރަޖިސްޓަރީ ކޮށްފައި އޮތުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންތެރި ކަމެއްކަމަށެވެ. އަދި ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން އަމިއްލަގޮތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ހާސިލް ކުރަމުންދާ ހުރިހާ ދަރިވަރުންވެސް ވީ އެންމެ އަވަހަކަށް ރަޖިސްޓަރ ވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ހަމައެކަނި ހުންނަނީ ސަރުކާރުން ދޫކުރާ މަތީ ތައުލީމްގެ ލޯނު ނުވަތަ މިނިސްޓްރީ މެދުވެރިކޮށް ފުރުސަތު ދީފައިވާ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން އެކި ޤައުމުތަކުގައި ތިބި ދަރިވަރުންނަށް ދިމާވާ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ފައިސާގެ އެހީ ދިނުމަށް ނިންމާފައެވެ.