މުނިފޫހިފިލުވުން

ޔަޝް ރާޖު ފިލްމްސްގެ ކުރިއަށްހުރި ފިލްމްތައް އޮންލައިންކޮށް ރިލީޒްކުރުމުގެ ވިސްނުމެއްނެތް


ކާމިޔާބު އެތައް ފިލްމްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ޔަޝް ރާޖު ފިލްމްސްގެ ކުރިއަށްހުރި ފިލްމްތައް އޮންލައިންކޮށް ރިލީޒްކުރުމުގެ ވިސްނުމެއްނެތްކަމަށް ޔަޝް ރާޖު ފިލްމްސްއިން ބުނެފިއެވެ.

ޔަޝް ރާޖު ފިލްމްސްއަކީ އިންޑިއާގެ އެންމެ ދުވަސްވީ އަދި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. ކޯވިޑް-19އާއި ދެކޮޅަށް އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކާއެކު، ސިނަމާތަކާއި ތިއޭޓަރތައް ވަނީ ބަންދުކޮށްފައެވެ. އަދި ފިލްމާއި ޓީވީ ސީރީޒްތަކުގެ ޝޫޓިންގތައްވެސް ވަނީ ކެންސަލްކޮށްފައެވެ. މިއާއެކު މިއަހަރުގެ މިދުވަސްވަރަަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ބައެއް ފިލްމްތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އޮންލައިންކޮށް ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޔަޝް ރާޖު ފިލްމްސްގެ އޮފިޝަލަކާ ޙަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ބުނެފައިވަނީ، އެހެން ފިލްމް އުފައްދާ ފަރާތްތަކެކޭ އެއްފަދައިން، ޔަޝް ރާޖު ފިލްމްސްގެ ކުރިއަށްހުރި ބައެއް ފިލްމްތަކުގެ ރައިޓްސްގަނެ، އޮންލައިންކޮށް ރިލީޒްކުރުމުގެ ހުށަހެޅުންތަކެއް ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ފަރާތުން ލިބިފައިވާކަމަށެވެ. ނަމަވެސް ބޮޑު ސްކްރީންގައި ބެލުމަށް ޚާއްސަކޮށްގެން އުފައްދާ ފިލްމްތައް ސެލްފޯންތަކާއި ލެޕްޓޮޕްތަކަށް ދޫކޮށްލުމަކީ މިވަގުތު ކުރަން އެންމެ އިންސާފުވެރިކަމައްކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް ޔަޝް ރާޖު ފިލްމްސްގެ އޮފިޝަލާއި ޙަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަދި ބޮލީވުޑްގެ މަސަައްކަތްތައް މަޑުޖެހިފައިވާ މިދަނޑިވަޅުގައި، އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބިފައިވަނީ ސިނަމާތަކާއި ތިއޭޓަރތައް އޮޕަރޭޓްކުރާ އެގްޒިބިޝަން ސެކްޓަރގައި މަސައްކަތްކުރާ މީހުންނަށްކަމުން، އެފަރާތްތަކަށް އިތުރު ގެއްލުންތަކެއްދޭން ޔަޝް ރާޖު ފިލްމްސްގެ ޗެއަރމަން އަދިތިޔާ ޗޯޕްރާވެސް ބޭނުންނުވާކަމަށް ބުނެފައިވެއެވެ.

މިދިޔަމަހު ކުރިއަށްދިޔަ ވެބިނަރއެއްގައި ޔަޝް ރާޖު ފިލްމްސްގެ ވައިސް ޕްރެޒިޑެންޓް ފޯރ ޑިސްޓްރިބިއުޝަން ރޯހަން މަނޯތުރާ ވަނީ އިންޑިއާގައި ކޯވިޑް-19ގެ ކަންކަން ހަމަޔަކަށް އެޅި ސިނަމާތަކާއި ތިއޭޓަރތައް އަލުން ހުޅުވާލުމާއެކު އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލުން ފެނިގެންދާ "ސަންދީޕް އޯރް ޕިންކީ ފަރާރު" ރިލީޒްކުރާނެކަން ހާމަކޮށްފައެވެ. މި ފިލްމް ރިލީޒްކުރާގޮތަށް ކުރިން ހަމަޖެހިފައިއޮތީ މިދިޔަ މާރޗުމަހުގެ 20 ވަނަ ދުވަހުއެވެ. ދިބާކަރު ބަނޭރްޖީ ޑައިރެކްޓަކޮށްފައިވާ މި ފިލްމަކީ ޑްރާމާ ތްރިލަރ ޖޯންރާގެ ފިލްމެކެވެ. 2017 ގައި މަސައްކަތް ފެށި މި ފިލްމަކީ އަރުޖުނާއި ޕަރިނީތީ އެކުގައި ފެނިގެންދާ 3 ވަނަ ފިލްމެވެ. ފިލްމްގެ ޝޫޓިންގގެ މަސައްކަތް ނިންމާލާފައިވަނީ 2018 ވަނަ އަހަރެވެ.

ޔަޝް ރާޖު ފިލްމްސްގެ ކުރިއަށްހުރި ފިލްމްތަކުގެ ތެރޭގައި ސައިފް ޢަލީ ޚާނާއި، ރާނީ މުކަރުޖީ އަދި ސިދާންތު ޗަތުރަވޭދީގެ "ބަންޓީ އޯރް ބަބްލީ 2"، ރަންބީރު ކަޕޫރާއި، ވާނީ ކަޕޫރު އަދި ސަންޖޭ ދަތު އެކުގައި ފެނިގެންދާ "ޝަމްޝޭރާ" އަދި ރަންވީރު ސިންގުގެ "ޖަޔޭޝްބާއީ ޖޯރްދާރު"ގެ އިތުރުން އަކްޝޭ ކުމާރުގެ "ޕަރިތުރިވާޖު" ހިމެނެއެވެ. މި 4 ފިލްމަކީވެސް މިއަހަރު ސިނަމާތަކަށް އައުމަށް ތައްޔާރުވެފައިވާ ފިލްމްތަކެކެވެ.

މީގެ އިތުރުން ޔަޝް ރާޖު ފިލްމްސްއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް މުހިއްމު ޕްރޮޖެކްޓްތަކެއް އިޢުލާންކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.