ޚަބަރު

ނައިބުރައީސް މޯލްޓާއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މިޞްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މޯލްޓައަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ އެ ޤައުމަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް ކައިރޯ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، މިޞްރުގެ މިނިސްޓަރ އޮފް ޓެކްނިކަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ މުޙަންމަދު ޔޫސުފެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މޯލްޓާއަށް ކުރައްވާ މި ދަތުރުފުޅުގައި، މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ސިޓީފުޅެއް އެކަމަނާއަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިޞްރުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިޞްރަށް ކުރެއްވި ރަސްމީދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މިޞްރުގައި ކިޔަވަން ތިބި ދިވެހި ކުދިންނާއިވެސް ބައްދަލުކުރައްވާފައެވެ.  މި ބައްދަލުކުރެއްވުމުގައި، މިޞްރުގައި ތިބި ދިވެހި ކުދިންނާ ބައްދަލުކުރައްވައި، އެކުދިންގެ ޙާލުއަހުވާލު ބައްލަވައި، އެކުދިންގެ ކިޔެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮޅުންފިލުއްވިއެވެ. އަދި އެކުދިންގެ ކުރިއެރުމަށް ސަރުކާރުގެ ފަރާތުން ކޮށްދެއްވެން ހުރި ކަންކަން ބައްލަވާނެކަމަށް އެމަނިކުފާނު ވިދާޅުވި. މީގެއިތުރުން، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މިޞްރުގައި ތިބި ދިވެހި ކުދިންގެ ޚިޔާލު ހޯއްދެވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މިދަތުރުފުޅުގައި، މިޞްރުގެ ޤަދީމީ އަހްރާމްތަކާއި އިޖިޕްޝަން މިއުޒިއަމާއި، ބުރްޖް އަލް ޤާހިރާއަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.