ސިއްހަތު

ލައިސެންސިންގ އެގްޒޭމްއަށް 9 ޑޮކްޓަރަކު ރަޖިސްޓަރކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރުންނަށް ލައިސެންސް ދިނުމަށް ބާއްވާ އިމްތިހާނަށް 9 ޑޮކްޓަރަކު ރަޖިސްޓަރ ކޮށްފައިވާކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްއިން ބުނެފިއެވެ. 

މި އިމްތިހާނު އަންނަ ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މެޑިކަލް ކައުންސިލުން މައުލޫމާތުދެއެވެ.

ކުރިން މި އިމްތިހާން، މި އަހަރުގެ ޖެނުއަރީމަހު ބޭއްވުމަށް ތައްޔާރުވި ނަމަވެސް އެއްވެސް ފަރާތަކުން ފޯމް ހުށަހަޅާފައިނުވާތީ މި އިމްތިހާން ބާއްވާފައެއް ނުވެއެވެ.

31 ޑިސެމްބަރ ދެހާސް ތޭރައިގެ ފަހުން ލައިސަންސް ދީފައިވާ ފަރާތްތަކުން މި މައަހަރުގެ ނިޔަލަށް އިމްތިހާނު ނަހަދައިފިނަމަ އެ ފަރާތްތަކަށް މިހާރު ދީފައިވާ ވަގުތީ ލައިސަންސް ބާތިލުވާނެއެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފް ވިދާޅުވީ 31 ޑިސެމްބަރ ދެހާސް ތޭރައިގެ ފަހުން ވަގުތީ ލައިސަންސް ދިން ފަރާތްތަކުގެ ލައިސަންސް މިދިޔަ ޑިސެމްބަރ މަހުގެ ނިޔަލަށް ހަމަވެފައިވިނަމަވެސް، މެޑިކަލް ކައުންސިލަށް މެމްބަރުން އައްޔަންނުކުރެވި ގިނަ ދުވަސްތަކެއްވުމުން އެފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން މި އިމްތިހާން ހެދުމަށް ފުރުސަތުދީފައިވާކަމަށެވެ.

މެޑިކަލް ކައުންސިލުން ބުނީ އެ ކައުންސިލުގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި އަދި ބިދޭސީ އެމް.ބީ.ބީ.އެސް ޑޮކްޓަރުންނަށް އެއްއަހަރުދުވަހަށް ދެވޭ ލައިސަންސްގެ މުއްދަތުގެ ހަމަވުމުގެ ކުރިން އިމްތިހާނު ނަހަދައިފިނަ ނުވަތަ އިމްތިހާނުން ފާސް ނުވެއްޖެނަމަ އެފަރާތްތަކަށް ދީފައިޥާ ލައިސަންސް ބާތިލްވާނެކަމަށެވެ.

މިއިމްތިޙާނަކީ އަހަރަކު 3 ފަހަރު ބާއްވާގޮތަށް ހަމަޖެހިފައިވާ އިމްތިޙާނެއްކަމަށާއި އިމްތިޙާން އެކުލެވިގެންވަނީ 2 ކަރުދާހުގެ މައްޗަށްކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްއިން ބުނެއެވެ.

ލައިސެންސިން އިމްތިޙާނު ދިނުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ހެދުންކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.