ޚަބަރު

ވާރލްޑް ހެލްތް އެސެމްބްލީގެ ބްރީފިންގ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި


ވާރލްޑް ހެލްތް އެސެމްބްލީން މިއަދު ބޭއްވި ވާރޗުއަލް ބްރީފިންގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މިބައްދަލުވުމުމަކީ، ކޮންމެ އަހަރަކު ޖެނީވާގެ ސްވިލަރލޭންޑްގައި ބާއްވާ ވާރލްޑް ހެލްތް އެސެމްބްލީއަށް ދިވެހިރާއްޖޭގެ ވަފްދު ފުރާވައިގަތުމުގެ ކުރިން ޑަބްލިޔު.އެޗް.އޯ މާލެ އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

މިއަހަރުގެ ވާރލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން 18 މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމްއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19އާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ޤަޢުމުތައް އެކުވެގެން ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.

މިއަދުގެ ބްރީފިންގ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔު.އެޗް.އޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްމިންދް މާތުރް ވިދާޅުވީ މިއަހަރުގެ ވާރލްޑް ހެލްތް އެސެމްބްލީއަކީ ޑަބްލިޔު.އެޗް.އޯގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ވާރޗުއަލްކޮށް ބޭއްވޭ އެސެމްބްލީކަމާއި، މިގޮތަށް ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހުމުން ޤަޢުމުތަކުން ގިނަ އަދަދެއްގެ މެމްބަރުންނަށް ބައިވެރިވެ ވަޑައިގެންނެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ 18 މެމްބަރުންގެ ވަފްދަކީ ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ އެންމެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ފަހަރުކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ނުކުރެވޭ އެހެނިހެން ޓެކްނިކަލް ދާއިރާތަކާ ބޭހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ޖެނީވާގެ ސްވިލަރލޭންޑްގައި ބޭއްވޭ ވާރލްޑް ހެލްތް އެސެމްބްލީގައެވެ.