ޚަބަރު

ކޯވިޑް-19: ރާއްޖޭގައި ތިބި ބަނގްލަދޭޝް 67 ރައްޔިތަކު ޤައުމަށް ފޮނުވާލައިފި


ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 67 މީހުން އަނބުރާ ޤައުމަށް ފޮނުވައިފިއެވެ.

އިއްޔެެވެސް ބަނގްލަދޭޝްގެ 353 މީހަކު ބީމާން އެއަރލައިންސްގެ ފްލައިޓްގައި ވަނީ އަނބުރާ ޤައުމަށް ފޮނުވާފައެވެ. މިއާއެކު ރާއްޖޭގައި ތިބި 488 ބަނގްލަދޭޝްގެ ރައްޔިތުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މި ވަނީ އަނބުރާ ޤައުމަށް ފޮނުވިފައެވެ. މިއަދު އަނބުރާ ޤައުމަށް ފޮނުވާލި 67 މީހުން ފޮނުވާފައިވަނީ، ރާއްޖެއަށް ސިއްޙީ ސާމާނު ހިފައިގެން އައި ބަނގުލަދޭޝްގެ އަސްކަރީ މަތިން ދާ ބޯޓުގައެވެ. މިއަދު ފޮނުވާލި އެންމެންނަކީވެސް ވާކް ވިސާ ނެތް ފަރާތްތައްކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބަނގްލަދޭޝްގެ 500 ރައްޔިތުން ފުރުވާލަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. މިމީހުން ފޮނުވާލާނީ މޯލްޑިވިއަންގެ ފްލައިޓަކާއި، ބިމާން އެއަރލައިންގެ ފްލައިޓެއްގައިކަމަށްވެސް އެންއީއޯސީއިން އޭރު ވިދާޅުވިއެވެ.

އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންދަނީ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިޔުމާއި ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގެދަށުން މީގެ ކުރިންވެސް 68 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ޤައުމަށް އަނބުރާ ފޮނުވާލާފައި ވަނީ ބަންގްލަދޭޝާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިން ގޮވައިގެން ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.