ޚަބަރު

ކޯވިޑް-19 : ލޮކްޑައުންގައި ފޫހިފިލުވުމަށް މަންމައާއި ދަރިފުޅުގެ "ސްޓޯރީސް ޓު ދަރެސްކިއު"


ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ޤައުމުތައް ލޮކްޑައުން ކުރުމާގުޅިގެން ގިނަ ބަޔަކު އަންނަނީ ގޭގައި ތިބެގެން އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ. އެއްބަޔަކު އަމިއްލަ އެކިކަހަލަ ކަންކަމުގައި މަޝްއޫލުވެގެން އުޅޭއިރު އަނެއް ބަޔަކު އަންނަނީ އެހެން މީހުންނަށްވެސް ދެވޭ ޚިދުމަތެއް ގޭގައި ތިބެގެން މިދުވަސްވަރު ފޯރުކޮށްދެމުންނެވެ. އެގޮތުން މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދިވެހި ޢާއިލާއަކުންވެސް އަންނަނީ މިދުވަސްވަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ މަސައްކަތްކުރަމުންނެވެ.

މެލޭޝިއާގައި ދިރިއުޅެމުން އަންނަ ޢައިޝާ ހުސެއިން ރަޝީދާއި ދަރިފުޅު ޢުމުރުން ދިހަ އަހަރުގެ ހާތިމް އަޙްމަދު ފިރާސްއާއި ފިރިމީހާ އަޙްމަދު ފިރާސް ލޮކްޑައުން ހޭދަކުރަމުންއައީ ފޮތް ކިޔުމާއި ސީރީސް ބެލުމުގައެވެ. ލޮކްޑައުންގެ ތަޖުރިބާ ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ޢާއިޝާވަނީ ލޮކްޑައުންގައި ގޭގައި އަބަދު ތިބެންޖެހުމުގެ ސަބަބުން ކިޔާހިތްވާކަހަލަ ފޮތްތަކާއި ބަލާ ހިތްވާ ޒާތުގެ ސީރީސްތައް ހުސްވެ ފޫހިވާންފެށި ގޮތް ކިޔާދީފައެވެ. އެގޮތުން އެމްބީސީ ވަންއާއި ޤަތަރް ޓީވީގެ އޮމަރް ސީރީސްއާއި އެނޫންވެސް ޔޫޓިބްގައި ހުރި ކުޑަކުދިންގެ އެތައް ސީރީސްއެއް މިހާރު ބަލާފައިވާކަން ޢައިޝާ ފާހަގަކުރިއެވެ. އައިޝާ ހާމަކުރި ގޮތުގައި އޭނާގެ ދަރިފުޅު ހާތިމް ގިނައިން ކިޔާ ހިތްވަނީ ސައިންސާއި އިސްލާމްދީނުގެ ތާރީޚުގައި ހުންނަ ބައެއް ފޮތްތަކާއި ސަޙާބީންގެ ބައެއް ވާހަކަތަކެވެ.

އިސްލާމް ދީނުގެ ތާރީޚާއި ޘަޤާފަތާއި ގުޅޭގޮތުން ކުޑަކުދިންނަށް ޚާއްސަކޮށް ހުންނަ ފޮތްތަކާއި ސީރީސްތައް މަދުއިރު ހުންނަ ބައެއް ފޮތްތަކަކީ ކުޑަކުދިން އެހާ ގަޔާވާ ގޮތަށް ހުންނަ ފޮތް ނޫންކަން މެލޭޝިއާއިން އިސްލާމީ ޝަރީޢާއިން ޑިގްރީ ހާސިލްކުރުމަށްފަހު މިހާރު ޙަދީޘް ޢިލްމުން މަތީ ތަޢުލީމު ޙާސިލްކުރަމުންދާ ޢާއިޝާވަނީ ފާހަގަކޮށްފައެވެ. މިއީ އައިޝާގެ ދަރިފުޅުގެ ޢުމުރުގެ ގިނަ ކުދިންނަށް ދިމާވެފައި އޮވެދާނެ މައްސަލައެއްކަމަށްބަލާ ޢައިޝާވަނީ ދީނާއި އަޚުލާގާއި ސަޙާބީންނާއި އަދި މިނޫންވެސް ޢާއްމު ދިރިއުޅުމުގައި ދިމާވާ ބައެއް ކަންކަމާއި ގުޅޭގޮތުން ލޮކްޑައުންގެ މިދުވަސްވަރާ ދިމާކޮށް ފޭސްބުކް މެދުވެރިކޮށް ލައިވް ޕްރޮގްރާމްތަކެއް ގޭގައި ގެނެސްދޭންފަށާފައެވެ.

'ސްޓޯރީސް ޓު ދަ ރެސްކިއު"ގެ ނަމުގައި މަންމައާއި ދަރިފުޅު ގެނެސްދޭ މިލައިވްގައި ޓެކްނިކަލް ކަންކަން ބަލަހައްޓަނީ ބައްޕައެވެ. ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ސަޙާބީންނާއި ބެހޭގޮތުން ދަސްކުރުމާއި އަޑުއެހުމުގެ ޝައުގުވެރިކަން ހާތިމްގެ ހުރުމާއެކު ގިނަ ލައިވްތަކުގައި އެބޭކަލުންގެ ދިރިއުޅުއްވުމާއި އިސްލާމްދީނަށްޓަކައި ކުރެއްވި ޚިދުމަތްތަކާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ދެމައިންވެސް ހިއްސާކުރެއެވެ.

ސްޓޯރީސް ޓު ދަ ރެސްކިއު ސީރީސްގެ ތެރެއިން 'ރަޙުމަތްތެރިން' ގެ މައުޟޫއަށް އަލިއަޅުވާލާ ޢައިޝާއާއި ހާތިމް ލައިވްގައި ވާހަކަދައްކަނީ

މެލޭޝިއާ ގަޑިން އިރުއޮއްސި 6:30ގައި އަދި ރާއްޖެ ގަޑިން މެންދުރުފަހު 03:30 ގައި ލައިވް ފަށާއިރު ގިނަ ބެލެނިވެރިންނާއި ކުދިންގެ ސަމާލުކަން އަންނަނީ މިލައިވްތަކަށް ހުއްޓެމުންނެވެ. ލައިވް އިތުރަށް ޝަޢުގުވެރިކޮށް ކުދިން ގަޔާވާފަދަ ގޮތަކަށް ކުރިއަށް ގެންދިޔުމަށްޓަކާއި ގޭގައި ހުންނަ ބައެއް ތަކެތި ބޭނުންކޮށްގެން އާޓް އެންޑް ކްރާފްޓްގެ ގޭމް ބައެއްވެސް ކުރިއަށްގެންދާކަމަށް ޢައިޝާ މައުލޫމާތު ދެއެވެ.

ޢާއިޝާގެ އަމާޒަކީ މި ލައިވް ސީރީސްގެ ސަބަބުން އިސްލާމް ދީނުގެ ކުރީކޮޅު ރަސޫލާ ސައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ސަޙާބީން އުފުއްލެވި ބުރައާއި ގެންގުޅުއްވި އުސޫލުތަކާއި އަޚްލާގުގެ މަތިވެރިކަން އަދުގެ ކުޑަކުދިންނަށް ވިސްނޭނެ ގޮތަކަށް ގެނެސްދިނުމެވެ. އަދި އިސްލާމް ފޮތުގައި ހުންނަ ވަރަށްވުރެ ބޮޑަށް އިސްލާމީ މަތިވެރި މަންހަޖު ކުދިން ޝައުގުވެރިވާގޮތަށް ގެނެސްދިނުމެވެ.

ކޯވިޑް 19 އިގެ ނުރައްކާ މެލޭޝިއާގައި ބޮޑުވެ މާޗުމަހުގެ 18 ވަނަ ދުވަހު އެޤައުމު ލޮކްޑައުން ކުރުމާ ގުޅިގެން އެޤައުމުގައި ދިރިއުޅެމުން އައި ގިނަ ދިވެހިންވަނީ ސަރުކާރުގެ އެހީގައި އެނބުރި ޤައުމަށް އައިސްފައެވެ. އެހެންނަމަވެސް މިޢާއިލާއިން ރާއްޖެ އަންނަން ބޭނުން ނުވީއެވެ. އެއީ އެފުރުސަތުގައި ރާއްޖެއަށް އަންނަން ބޭނުންވެ މެލޭޝިއާގައި ތިބެވޭނެ ގޮތް ނެތް އެތައް ބަޔަކާއި ކޮންމެހެން މާލެ ދާންޖެހޭ މީހުނަށް ގެއްލޭ ފުރުސަތެއްގެ ގޮތުގައި ޢާއިޝާގެ ޢާއިލާއިން ދެކެއެވެ. އެހެންކަމުން މިވަގުތު ތިބެވޭނެ ގޮތް އެކޮޅުގައި ހަމަޖެހިފައިވުމުން އެޢާއިލާއިން ގަސްތުކުރީ މަޑުކުރުމަކަމަށެވެ. އަދި އެދަނޑިވަޅުގައި ރާއްޖެއަށް ވައިރަސް ހިފައިގެންދާ ބަޔަކަށްވާންވެސް މިޢާއިލާއިމް ބޭނުން ނުވީއެވެ.

މެލޭޝިއާގައި ކޯވިޑް 19ގެ ކޭސްތައް މަދުވެ ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެޤައުމުގެ ސަރުކާރުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައްވަނީ ލުއިކޮށްފައެވެ. އެގޮތުން އިޖުތިމާޢީ ގައިދުރުކަން ކަށަވަރުކޮށް ބޭރަށް ނިކުމެ ޕާކުތަކަށް ދިޔުމުގެ ފުރުސަތުވަނީ ދީފައެވެ.