މުނިފޫހިފިލުވުން

"އެވެޓާރ - ދަ ލާސްޓް އެއަރބެންޑަރ" ނެޓްފިލްކްސްއަށް


"އެވެޓާރ - ދަ ލާސްޓް އެއަރބެންޑަރ"ގެ އެޕިސޯޑުތައް މަޝްހޫރު ސްޓްރީމިންގ މީޑިއާ ނެޓްފްލިކްސްއަށް އަތުވެއްޖެއެވެ.

އެވެޓާރއަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެނިމޭޓެޑް ކާޓޫން ސީރީޒެކެވެ. މި ކާޓޫން ސީރީޒްގެ އެޕިސޯޑުތައް އެންމެ ފުރަތަމަ ދައްކާފައިވަނީ 2005 ވަނަ އަހަރު ނިކަލޯޑިއަނުންނެވެ.

މި ކާޓޫން ސީރީޒް ބިނާކޮށްފައިވަނީ ޚިޔާލީ ދުނިޔެއެއްގައި ބައިބައިވެފައިވާ 4 ޤައުމުކަމަށްވާ ވޯޓަރ ޓްރައިބްސް، އާރތު ކިންގްޑަމް، ފަޔަރ ނޭޝަން އަދި އެއރ ނޯމަންޑްސްގެ ތެރެއިން ފަޔަރ ނޭޝަނުން ބާކީތިބި ޤައުމުތައް އަތްދަަށުލުމަަށް ކުރާ މަސައްކަތާއި، އެމަސައްކަތް ހުއްޓުވުމަށް "އޭންގ" ނަމަކަށް ކިޔާ 12 އަހަރުގެ ފިރިހެން ކުއްޖަކު ކުރާ މަސައްކަތުގެ މައްޗަށެވެ. އަދި އޭންގގެ މިމަސައްކަތުގައި އޭނާގެ އެކުވެރިންކަމަށްވާ ސޮކާ، ކެޓާރާ ބައިވެރިވެ، އޭނާއަަށް އެހީތެރިވެދެއެވެ.

ޗައިނީޒް މަރޝަލް އާޓްސްގެ ހަރަކާތްތަކާއި، ދެކުނު އިރުމަތީ އޭޝިއާ ދަރިފަސްކޮޅުގެ ސަޤާފަތް ދައްކުވަައިދޭ މި ކާޓޫން ސީރީޒަކީ އެނިމޭޓެޑް ކާޓޫންތަކުގެ ތާރީޚުގައި އުފެއްދި އެންމެ ކާމިޔާބު އެއް ކާޓޫން ސީރީޒެވެ. މި ކާޓޫނުގެ އާރޓް ޑައިރެކްޝަނާއި، ބޭނުންކޮށްފައިވާ ސައުންޑް ޓްރެކްތަކާއި، ކެރެކްޓަރތަކާއި ކަލްޗަރަލް ރެފަރެންސްތަކަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ. އަދި ބެލުންތެރިންގެ މެދުގައި މަޤުބޫލު އެތައް އެވޯޑެއްވެސް އެމެރިކާގެ ނިކަލޯޑިއަން އެނިމޭޝަން ސްޓޫޑިއޯގެ މި އުފެއްދުމަށް ލިބިފައިވެއެވެ.

3 ޗެޕްޓަރއެއްގެ މައްޗަށް އުފައްދާފައިވާ އެވެޓާރގެ ހުރިހާ އެޕިސޯޑުތަކެއް ނެޓްފިލްކްސްއިން މިހާރު ބަލާލެވޭނެއެވެ.