ޚަބަރު

"ދައުރުވާ "ފުޅައަޅާފައިވާ" ކާނާގެ ވިޑިއޯއަކީ ހަދާފައިވާ އެއްޗެއް"


މާފުށީ ޖަލުގައި ގައިދީންނަށް "ފުޅައަޅާފައިވާ" ކާނާ ދޭކަމަށް ބުނެ ފަތުރަމުންދަނީ ވީޑިއޯއަކީ ގައިދީންނަށް ދިން ކާއެއްޗެހި ގޮޅިތެރޭގައި ފޮރުވައި ކުނިކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި ގައިދީންނަށް "ފުޅައަޅާފައިވާ" ކާނާ ދީފައި ނުވާކަން ހާމަވެފައިވާކަމަށެވެ. އަދި ދައުރުވަމުންދާ ވީޑިއޯ އަކީ ޖަލު ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަދުވަހު ފޮރުވާފައި ބަހައްޓައިގެން ނަގާފައިވާ ވީޑިއޯއެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ކާތަކެއްޗާމެދު މިފަދަ ޝަކުވާއެއް ގައިދީންގެ ފަރާތުން މިހާތަނަށް ލިބިފައިވެސް ނުވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މިފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި އެދިފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.