ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ފަށަން ޖެހެނީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު، މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މައިން ބަފައިންނަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުންމަށްކަމަށެވެ. ހަމައެކަނި މިކަމުންވެސް މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަަމަށެވެ.
ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން. މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި… pic.twitter.com/7nkjwPEbSa
— Dr Mohamed Muizzu (@MMuizzu) May 15, 2026
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވެރިކަމާ ހަވާލުވެވަޑައިގެން މުޖުތަމަޢުގައި ހުރި ތަފާތު އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް ޢާއިލާތަކަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކަށައަޅުއްވާ ސިޔާސަތުތަކާއެއްގޮތަށް ތަފާތު މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ ގާތަށް ގޮސް ހާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެތައް ކުއްޖަކުވަނީ އާއިލާތަކާޙަވާލުކޮށްފައެވެ.
ރަނގަޅު ޢާއިލާޢެއް ބިނާކުރެވޭނީ، ޤުރުޢާނާއި ސުންނަތުގެ ޢަލީގައި ޢާއިލާތައް ބިނާކޮށްގެން ކަމަށް ދީނީ އިލްމުވެރިން އިއްތިފާގުވެވަޑައިގަންވައެވެ. އެހެނީ ޢާއިލާއެއްގެ އެންމެ އަސާސީ އުންސުރަކީ މައިންބަފައިން ކަމަށްވާއިރު، އިންސާނީ މުޖްތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު ގުނަވަނަކީ ޢާއިލާއެވެ. އަދި ޢާއިލާ ރަނގަޅު ގޮތުގައި ބިނާކޮށް އެޢާއިލާގެ ގުޅުން ހެޔޮގޮތުގައި ދެމެހެއްޓިއްޖެނަމަ، އެ މުޖްތަމަޢެއްގެ އަފްރާދުންގެ މެދުގައި ގުޅުންތައް ބަދަހިވާނެކަމީ ދުނިޔެ ދައްކާފައިވާ ހަޤީގަތެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އާއިލާގެ ލޯތްބާ އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.