ޚަބަރު

ހަފުތާ ބަންދު ދެދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ


  • ކުރިޔަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަކުރާނެ

  • ވިލާގަނޑުގައި ވައި ގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ހަފުތާ ބަންދު ދެދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.

އަދި ވިލާގަނޑުގައި ވައި ގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވިދާޅުވިއެވެ. ދެކުނަށްވެސް ވައިގަދަވާނެ ކަމަށާއި، ވައި މަޑުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ.

މިވިއްސާރައިގައި ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މިސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 8:00 އިން ފެށިގެން 14:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ، މިވަގުތުތަކުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު، ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ އިތުރުން ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެންގުމާ ގުޅިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.