ޚަބަރު

ނާއިބް ރައީސް ތަޢުލީމީ ދާއިރާގެ އިސްފަރާތްތަކާ މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ތަޢުލީމީ ދާއިރާގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު މަތީ ތަޢުލީމަށާއި ޖުމްލަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ބޭހޭގޮތުންނެވެ. އަދި މި ޙާލަތުގައި އެންމެ ބޮޑަށް އިންސާނީ ވަޞީލަތްތައް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތަމްރީނުކުރުން ފަދަ ކަންކަމާބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި މިޙާލަތުގައި ކިޔެވުން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސް ވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އައި ބަދަލާއެކު އާ ހިތްވަރަކާއެކު، ރާއްޖޭގައި ހުރި މީހުން ބިނާކޮށް ތަމްރީނުދޭ ހުރިހާ ތަންތަން އެކުވެގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މުޖުތަމަޢުގައި ތިބި މަސައްކަތްކުރެވޭ އުމުރުގެ އެންމެންނަކީވެސް ކޮންމެވެސް މަސައްކަތެއްކުރާ ބަޔަކަށް ވުމުގެ މުހިންމުކަމާއި ރިޓަރޔަރ ކޮށްފައިވާ ޞިއްޚީ ދާއިރާގެ ބައެއް ފަރާތްތަކަށްވެސް އިތުރަށް ބޭނުންވާ ތަމްރީނުދީ އަލުން މަސައްކަތުގެ މާޙައުލާ ގުޅުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާ ގުޅޭ އެކި އިދާރާތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، އަދި، ކަންކަން މިހާރު ކުރިޔަށް ގެންދިއުމަށް ރާވާލެވިފައިވާ ޕްލޭންތަކާއި ބެހޭގޮތުނާއި މިކަންކަމުގައި ކުރިމަތިވާ ދަތިތައް ހުއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިން، އަދި މަތީތަޢުލީމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.