ޚަބަރު

ކޯވިޑް-19: ބަންގްލަދޭޝްއިން 10 ޓަނުގެ ކާބޯތަކެތީގެ އެހީ ރާއްޖެއަށް ފޮނުވައިފި


ދިހަ ޓަނުގެ ކާބޯތަކެތީގެ އެހީއާއެކު ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި މަތިންދާބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް، މުގު، އަލުވި، ކުކިންގ އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސިއެވެ. ބަންގްލަދޭޝްއިން މީގެ ކުރިންވެސް އެޤައުމުގެ އަސްކަރީ މަނަވަރެއްގައި 100 ޓަނުގެ ހިލޭ އެހީ ފޮނުވާފައިވެއެވެ. މީގެ އިތުރުން މި ފްލައިޓްގައި ބޭހާއި ބައެއް ސިއްޙީ ސާމާނުވެސް ރާއްޖެއަށް ގެނެސްފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ފޮނުވި މިއެހީއަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށާއި ފޮރިން މިނިސްޓަރުގެ އިތުރުން އެއަރފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓް

މި މަތިންދާބޯޓު އަނބުރާ ބަންގްލަދޭޝްއަށް ފުރާނީ މާދަމާ ހެނދުނެވެ. އަދި އަނބުރާ ބަންގްލަދޭޝްއަށް ދާއިރު، ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ 70 މީހަކު މި މަތިންދާބޯޓުގައި ބަންގްލަދޭޝްއަށް ގެންދާނެއެވެ. އެމަސައްކަތް ކުރިއަށްދާނީ ފޮރިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ގުޅިގެންނެވެ.