ޚަބަރު

ވެސްޓް ޕާކް ތޮށި މައްޗަށް އަރާ ހަލާކުވި "މިންވަރު"ދޯނީގެ އިންޖީން ހޯދައިފި


އިއްޔެ މާލެ ސިޓީ ވެސްޓް ޕާކް ތޮށި މައްޗަށް އަރާ ހަލާކުވި "މިންވަރު" ދޯނީގެ އިންޖީން ހޯދައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނީގެ އިންޖީން ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސް ގާޑް ސްކޮޑުގެ ޑައިވަރުން ކުރި މަސައްކަތުން މިހާރު އެ އިންޖީނު އޮތް ލޮކޭޝަން ހޯދާފައިވާކަމަށެވެ.

އިއްޔެ ކާށިދޫއިން މާލެއަށް ދަތުރުކުރި "މިންވަރު" ނަމަކަށްކިޔާ ދޯނި މާލޭ ވެސްޓްޕާކް ސަރަޙައްދު އެއްގަމު ތޮއްޓަށް މުޑިއެރީ އެދޯނީގެ އިންޖީނު ހުއްޓިފައިވަނިކޮށެވެ. އޭރު އެދޯނީގައި ހަތަރު މީހަކު ތިއްބެވެ. އަދި ގިނަ ޢަދަދެއްގެ މޭވަޔާއި ތަރުކާރީއާއި ދަނޑުވެރިކަމުގެ އުފެއްދުންތައްވެސް ހުއްޓެވެ.

މިޙާދިސާގައި "މިންވަރު"ދޯނި ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. މިދޯނީގައި ހުރި ގިނަ ޢަދަދެއްގެ މުދާ އެ ސަރަހައްދުން އޮޔާވެސް ގޮސްފައިވެއެވ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ އެކިހާދިސާތަައް ހިނގަމުންދާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާކަމަށާއި، އެހެންކަމުން ކަނޑުދަތުރު ކުރާ އުޅަނދުތަކުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.