ޚަބަރު

ރަސްފަންނަށް ލިބުނު ގެއްލުންތައް މަރާމާތު ކުރަންފަށައިފި


އިއްޔެ މާލެއަަށް ކުރި ވިއްސާރައިގައި ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތޯ އެތަން މަރަމާތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ރަސްފަންނަށާއި ސުނާމީ ބިނާ މައިޒާނަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެތަންތަން އަލުން މަރާމާތުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދުވަނީ ރަސްފަނަށް އުދައެރުމުގެ ސަބަބުން އެތަނުގެ ވެލިގަނޑު ގިރައިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އެތަނަށް އަލުން އަޅާނެ ވެލި ހޯދައި އެ މަސައްކަތް ކުރައްވާނެކަމަށް ސިފާ ވިދާޅުވިއެވެ. ރަސްފަނު މަރަމާތު ކުރުމަކީ ބުރަ މަސައްކަތެއްކަމަށާއި މީގެ ކުރިން އެތަނަށް އަޅާނެ ވެލި ގެންނަނީ ހެންވޭރު އާޓިފިޝަލް ބީޗުންކަން ސިފާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު އެސަރަޙައްދަށްވެސް ވެލި ނަރާތީ ވެލި ހޯދުމަސް ދަތިވެފައިވާކަމަށް ސިފާ ވިދާޅުވެއެވެ. ސިފާ ވިދާޅުވީ އެއްވެސް ހާލެއްގައި ރައްޔިތުންގެ ފައިސާއިން ހަދާފައިވާ މިފަދަ ތަންތަން ވީރާނާވެދިޔަ ނުދެއްވާނެކަމަށެވެ.

މީގެ ކުރިންވެސް ރަސްފަންނަށް އުދަ އަރައި އެކިފަހަރު އެތަން ވަރަށްބޮޑަށް ގިރައެވެ. އުދަ އަރާ ކޮންމެ ފަހަރަކު އެތަނަށް އަލުން ވެލި އަޅަން ޖެހެއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ތަރައްޤީކުރެއްވި ރަސްފަނު ހެދިއިރުވެސް މިތަނަށް މިފަދަ މައްސަލަތައް ދިމާވެދާނެކަމަށް ބުނެ ތިމާާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރައްވާ ބައެއް ބޭފުޅުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރަސްފަންނަކީ ބަންދު ދުވަސްތަކުގައި ގިނަ ޢަދަދެއްގެ މީހުން ޢާއިލާއާކު ހިތް ފަސޭހަކޮސްލުމަށް ގޮސްއުޅޭ ތަނެކެވެ. ރަސްފަނުނު ހެދުމުގެ މަސައްކަތް ހަވާލު ކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއާއެވެ. އެތަނަށް ސާޅީހަކަށް މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.