ޚަބަރު

ބިދޭސީންނަށް އެހީވުމަށް ހުުޅުވި ފަންޑަށް މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ހާލުގައި ޖެހިފައިވާ ބިދޭސީ މަސައްކަތް ތެރިންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެޖަމައަތުން ބުނެފިއެވެ.

އެމްއާރުސީން ބުނީ އެއް މަސްދުވަހަށް ހުޅުވާލި މިފަންޑު ހުޅުވިތާ މަހެއް ނުވާއިރު އެކި ފަރާތްތަކުން ދިން އެހީގެ އަދަދު 881787 (އައްލައްކަ އައްޑިހަ އެއް ހާސް ހަތްސަތޭކަ އައްޑިހަ ހަތަކަަށް) އަރާފައިވާކަމަށެވެ.

އެމްއާރުސީން ބުނީ ފަންޑުން ލިބޭ ފައިސާ ޚަރަދުކުރާނީ ބިދޭސީންނަށް ޒަރޫރީ ޚިދުމަތްތައް ދިނުމަށެވެ.
ކޯވިޑް-19 ރާއްޖޭގެ މުޖުތަމައުގައި ފެތުރެން ފެށުމުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާއެކު މާލޭގައި އުޅޭ ގިނަ ބިދޭސީންނަށް ޒަރޫރީ ބޭނުންތައް ފުއްދަން ދަތިވުމާއި ގުޅިގެން އެފަދަ ފަރާތްތަކަަށް އެހީވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ފުލުހުން އަދި މޯލްޑިވްސް ރެޑްކްރެސެންޓުން ދަނީ ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމެވެ. މިކަމަށްޓަކާ ބިދޭސީން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މިގޮތުން މާލޭގެ ކުދި ތަންކޮޅުކޮޅުގައި އުޅުނު ބިދޭސީންތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށް، އެމީހުންނަށް ބޭނުންވާ ކެއުމާއި، އަންނައުނު އަދި ޒަރޫރީ އެހެނިހެން ތަކެތި އެމްއާރުސީއިން ދަނީ ފޯރުކޮށްދެމުންނެވެ. މިމަސައްކަތުގެ ދަށުން އެމްއާރުސީއަށް ރާއްޖޭގެ ގިނަ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަންވެސް ދަނީ ލިބެމުންނެވެ.

ރެޑްކްރަސަންޓަކީ ރާއްޖޭގައި ދަރުމައަށް އެދިގެން މަަސައްކަތް ކުރާ އެންމެ ބޮޑު އެއް ޖަމާޢަތެވެ. ކާރިސާގެ ވަގުތުތަކުގައި ރެޑްކްރެސެންޓުންދޭ އެހީއަކީ ފާހަގަކުރަންޖެހޭ އެހީއެކެވެ. ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި، 24 ގަޑިއިރު ރެޑްކްރެސެންޓްގެ ދަރުމަވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގައި ރެޑްކްރަސަންޓެގެ 500 އަށްވުރެ ގިނަ ވޮލަންޓިއަރުން ދަނީ ބައިވެރިވަމުންނެވެ. މާލޭގެ އިތުރަށް އަތޮޅުތަކުގައިވެސް ދަނީ ރެޑްކްރެސެންޓްގެ ވޮލަންޓިއަރުން ހަރަކާތްތެރިވަމުންނެވެ.