ޚަބަރު

ކޯވިޑް-19 : އިންޑިއާގެ އިތުރު 588 މީހަކު އަނބުރާ ޤައުމަށް ފޮނުވާލައިފި


ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 588 މީހުން އަނބުރާ ޤައުމަށް ފުރުވާލައިފިއެވެ. މިއާއެކު އިންޑިއާރައްޔިތުން ޤައުމަށް ގެންދިއުމަށް ހިނގާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް 1500 ވަރަކަށް މީހުން މިވަނީ ފޮނުވާލާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންޑިއާއަށް ނުދެވި ތިބި އެޤައުމުގެ މީހުން އިންޑިއާ ސަރުކާރުގެ އެހީގައި އެޤައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އިންޑިއާގެ އަސްކަރީ މަނަވަރެއްގައި މި މީހުން ފުރުވާލުމުގެ ކަންކަން އިންތިޒާމް ކޮށްފައިވަނީ މާލޭ ވިޔަފާރި ބަނދަރުގައެވެ.

މި މީހުން ފުރުވާލާފައިވަނީ ރާއްޖޭގެ ބޯދަރ ހުރަސްކޮށް ދަތުރުކުރާ މީހުން ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިއުމެއްވެސް ފުރިހަމަކޮށްފައެވެ. އެގޮތުން ފްލައިޓުން ދަތުރުކުރާ މީހުންނެކޭ އެއްފަދައިން ހުރިހާ ސެކިއުރިޓީ ކަންތައްތަކެއްވެސް ވަނީ ކްލިއަރ ކޮށްފައެވެ. މިމީހުންގެ ލަގެޖް ޗެކް ކުރުމާއި ބޯޑިންގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ.

މި ކަންކަން ފުރިހަމަކުރުމަށްޓަކައި އެ މީހުން އެއަރޕޯޓަށް ގެންގޮސްފައިނީ ބަހުގައި، މާލޭގެ 4 ސަރަޙައްދެއްގައި ހަދާފައިވާ ކަލެކްޝަން ޕޮއިންޓްތަކުންނެވެ. އެއީ ހުޅުމާލެ ފެރީ ޓަރމިނަލާއި ގްރޭޓަރ މާލެ ބަސް ޓަރމިނަލާއި، ސްޓެލްކޯ ފުރަގަހުގައި ހަދާފައިވާ ބަސް ސްޓޮޕް ސަރަޙައްދާއި މާލޭ ސޯޝަލް ސެންޓަރު ސަރަޙައްދުންނެވެ. މި 700 މީހުން ވީއައިއޭއަށް ގެންދިއުމަށްޓަކައި 40 ބަސް ދަތުރުވަނީ ބައްވާފައެވެ. ބަހުގައި މީހުން ގެންގޮސްފައިވަނީ ގައިދުރުކަން އިސްކޮށް، ބަހެއްގައި 20 މީހުންނެވެ. މި މީހުން މާލެ ޕޯޓަށް ބަހުގައި ގެނެސްފައިވަނީވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޯޑިންގ ހުއްދަ ދޫކުރުމަށްފަހުއެވެ.

އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވިދާޅުވީ، މި ދަނޑިވަޅުގައި އިންޑިއާގެ 1800 މީހަކު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިފަހަރު 588 މީހަކު ފޮނުވާލާފައިވާކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ މި ފަހަރުގެ ދަތުރުގައި ފުރުޞަތު ދީފައިވަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ރައްޔިތުންނާއި، ލަކްޝަދީބް ޔޫނިއަންގެ ރަށްތަކުގެ ރައްޔިތުންނަށް އެކަނިކަމަށެވެ. މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާލެއިން އިންޑިއާގެ ކޮޗިންއަށެވެ. މި މީހުން ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެއެވެ.

އިންޑިއާގެ ރައްޔިތުންގެ ތެރޭއިން އަނބުރާ ދާން ބޭނުންވާ ރައްޔިތުން ވައިގެ މަގުން ފޮނުވާލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އިންޑިއާ ސަރުކާރުން ދަނީ ކުރަމުންނެވެ. ވައިގެ މަގުން ދާން ބޭނުވާ މީހުންނަށް މި ފުރުސަތު ފަހިކޮށްފައިވަނީ މާލެއިން ދިއްލީ، މުމްބައި ބެންގަލޫރު އަދި ޗެންނާއި އަށެވެ. މި ފްލައިޓްތައް ދަތުރުކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.