ޚަބަރު

ކޯވިޑް19 : ކުރިއަށްއޮތް 2 ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދު


މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ކޯވިޑް19 އާ ގުޅިގެން އަޅުއްވާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން އެންމެ ފުރަތަަމަ ސަރުކާރު އޮފީސްތައް ބަންކުރީ މިދިޔަ މާރިޗު މަހުގެ 19 އިން 26 އަށެވެ. އޭގެ ފަހުން އެކިފަހަރުމަތިން އޮފީސްތައް ނުހުޅުވާގޮތަށް ނިނަމަވައި އެކަން ސަރުކާރުންވަނީ އަންގާފައެވެެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރަށް ކޮވިޑް-19 އާ ގުޅިގެން، އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމުގައްޔާއި، ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަންނަވާ އަސާސީ ޚިދުމަތްތައް ދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން އަންގަވާފައިވާ ގޮތުގެ މަތިން ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތު އިތުރު ކުރެއްވި ނަމަވެސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދެއްވަންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރުއްވައިގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

އޭގެތެރޭގައި ހިމެނެނީ

  • ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
  • ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
  • ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
  • ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
  • ބޭންކުތަކުން ދޭ ޚިދުމަތް؛
  • ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
  • ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
  • ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
  • ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
  • ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
  • ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
  • ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
  • އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
  • ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
  • ޖަލުތަކުގެ ޚިދުމަތް؛
  • ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
  • މޫސުމާބެހޭ ޚިދުމަތް؛

ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.