ޚަބަރު

ކެރެލާ ސްޓޭޓް ކޯވިޑުން ސަލާމަތްކޮށްދިން ހެލްތު މިނިސްޓަރ


ޗައިނާގެ ވޫހާންގައި ކޯވިޑް ފެތުރެމުންދާކަމުގެ ޚަބަރު ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ނޫހުން ފެނުމާއެކު އިންޑިއާގެ ކެރެލާ ސްޓޭޓްގެ ހެލްތު މިނިސްޓަރ ކޭ.ކޭ ޝައިލާޖާ އަވަސްވެވަޑައިގަތީ ޞިއްހީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެނި އެކަމަނާގެ ނާއިބަކަށް ގުޅޭތޯއެވެ.

"ކެރެލާ ސްޓޭޓަށް ވައިރަސް އަންނާނެތަ؟" އުމުރުން 63 އަހަރުގެ ޝައިޖާލާ އޭނާގެ ނާއިބުގެ ގާތުން އެއްސެވިއެވެ.

ޔަޤީންކަމާއެކު ޖަވާބުދެއްވަމުން ޝައިޖާލާގެ ނާއިބު ވިދާޅުވީ، ކެރެލާ ސްޓޭޓަށްވެސް ވައިރަސް އަންނާނެކަމަށެވެ. ޞިއްހީ ތަޖުރިބާކާރު ދެއްވި އިންޒާރާއެކު ކެރެލާގެ ސްޓޭޓްގެ ހެލްތު މިނިސްޓަރ ޝައިޖާލާ ކޯވިޑްއާ ދެކޮޅަށް ތައްޔާރުވާން މަސައްކަތް ފެއްޓެވިއެވެ.

މިއަދު އެމަސައްކަތަށް ހަތަރު މަސްވެފައިވާއިރު، 35 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ކެރެލާ ސްޓޭޓުން މިހާތަނަށް ފެނިފައިވަނީ 500 އެއްހާ ޕޮޒިޓިވް ކޭސްއެވެ. މަރުވެފައިވަނީ އެންމެ 4 މީހުންނެވެ. އެ ސްޓޭޓްގައި ކޮމިއުނިޓީ ޓްރާންސްމިޝަންއެއް އޮތްކަމަކަށް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުންވެސް ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމުގައި ހޯދާފައިނުވާ ކާމިޔާބީއެއް އިންޑިއާގެ ކެރެލާ ސްޓޭޓުން ހޯދުމުން ދައްކުވައިދެނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ ފަގީރު ސަރަޙައްދުތަކުގައިވެސް ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރެވިދާނޭކަންކަމަށް އިންޑިއާގެ ކެރެލާގެ ހެލްތު މިނިސްޓަރ ޝައިޖާލާ ދެކެވަޑައިގަންނަވައެވެ.

ކެރެލާގައި ބަލި ފެތުރުން ކޮންޓްރޯލް ކިހިނެތް؟

ކޯވިޑްއާ ގުޅޭ މަޢުލޫމާތު ލިބިވަޑައިގަތްތާ 3 ވަނައަށްވީ ދުވަހު ޝައިޖާލާ އޭނާގެ ރެޕިޑް ރެސްޕޮންސް ޓީމް އެކުލަވާލުމަށްފަހު ފުރަތަމަ ބައްދަލުވުން ބޭއްވިއެވެ. އޭރު ކެރެލާއިން ކޯވިޑް ފެނިފައިނުވާއިރު، ޖެހިގެން އައި ޖެނުއަރީ 24 ވަނަ ދުވަހު ރެޕިޑް ރެސްޕޮންސް ޓީމްގެ ކޮންޓްރޯލްރޫމް ޤާއިމްކުރިއެވެ. އަދި ކެރެލާގެ 14 ޑިސްޓްރިކްޓުގައިވެސް ހަމަ އެ އުސޫލުތަކަށް ޢަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެންގިއެވެ.

ކޯވިޑްގެ ފުރަތަމަ ކޭސް ވޫހާންއިން ކެރެލާއަށް އައިސްފައިވަނީ ޖެނުއަރީމަހުގެ 27 ވަނަ ދުވަހުއެވެ. އޭރު ކެރެލާ ސްޓޭޓުން ދިޔައީ ކޯވިޑްގެ ހުރިހާ ކަމެއްގައި އަމަލުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްއާ އެއްގޮތަށް އަމަލުކުރަމުންނެވެ.

ކެރެލާއިން ކޯވިޑްއަށް ފުރތަމަ ޕޮޒިޓިވް މީހާއަކީ ވޫހާންއިން އައި މީހަކަށްވާއިރު، ކެރެލާ ސްޓޭޓްއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ފަރާތުން އެބަލި ފެތުރިފައެއް ނުވެއެވެ. ފްލައިޓްތަކުން އަންނަ މީހުންގެ ތެރެއިން ހުން ހުންނަ މީހުން ހޮސްޕިޓަލްތަކުގައި އެކަހެރިކުރެއެވެ. އަލާމާތެއް ނެތަސް ދެން ތިބި ފަސިންޖަރުން ޖެހެނީ ގޭގައި ހޯމް އައިސޮލޭޝަންގައި ތިބޭށެވެ. އަދި ގޭގޭ ބޭރުގައި އިންޒާރުގެ މެސެޖުތައް ބަހައްޓައެވެ.

ކެރެލާ ސްޓޭޓްގެ އޮފިޝަލުން އެއަރޕޯޓްގައި ފިޔަވަޅުތައް އަޅާފައި ވަނިކޮށް ފެބްރުއަރީމަހުގެ ފަހުކޮޅު އިޓަލީން އެނބުރި އައި ބަޔަކު ޞައްޙަ ނޫން މަޢުލޫމާތުތަކެއް ދިނުމަށްފަހު ކެރެލާއަށް އެތެރެވިއެވެ. އަދި ކެރެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހަކު ޕޮޒިޓިވްވެފައިވަނީ އެމީހުންގެ ފަރާތުންކަން އެނގުނު ހިސާބުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިއެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ކްލަސްޓަރއާ ގުޅޭ އެތައް ސަތޭކަ ބަޔަކު ހޯދާ، އެކަހެރިކުރިއެވެ. ކެރެލާފަދަ ބޮޑު ސްޓޭޓެއްގައި އެތައް ސަތޭކަ ބަޔަކު އެގޮތަށް ހޯދަން ޖެހުމަކީ ގޮންޖެހުމަކަށްވާއިރު، އެކަމަށް ކެރެލާ ސްޓޭޓްގެ އޮފިޝަލުން ބޭނުންކުރީ އިޝްތިހާރުތަކާއި ސޯޝަލް މީޑިއާއެވެ. އެމަސައްކަތާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރިއިރު އެކްލަސްޓާރއިން ޕޮޒިޓިވްވެފައިވަނީ އެންމެ 6 މީހުންނެވެ.

ކޯވިޑްއާ ދެކޮޅަށް ކެރެލާއިން އެޅި އެހެން ފިޔަވަޅުތަކުގެ ތެރޭގައި ގަލްފް ޤައުމުތަކުން އެނބުރި އަންނަ މީހުން ކޮންޓްރޯލްކުރުމަށް ކެރެލާ ސްޓޭޓުން ވަނީ މާޗުމަހުގެ 23 ވަނަ ދުވަހު ކެރެލާގައި އޮޕަރޭޓްކުރަމުންދާ އިންޓަރނޭޝަނަލް 4 އެއަރޕޯޓަށް ފްލައިޓްތައް އޮޕަރޭޓްކުރުން ހުއްޓާލާފައެވެ. މުޅި އިންޑިއާ ލޮކްޑައުންއަށް ދިޔައީ އޭގެ 2 ދުވަސް ފަހުންނެވެ.

ކެރެލާގައި އެންމެ ގަދައަށް ވައިރަސް ފެތުރެމުންދިޔައިރު، އެއްލައްކަ ހަތްދިހަ ހާސް މީހުން ތިބީ ކަރަންޓީނުގައެވެ. ސަރުކާރުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ ތަނެއް ނެތް ފަރާތްތަކަށް ކެރެލާ ސަރުކާރުން ދިޔައީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ކެރެލާގައި މިހާރު ކަރަންޓީނުގައި ތިބީ 21 ހާސް މީހުންނެވެ. މީގެއިތުރުން އެކި ސްޓޭޓްތަކުން ކެރެލާއަށް އައިސް ތާށިވެފައި ތިބި އެއްލައްކަ ފަންސާސް ހާހެއްހާ މީހުންނަށް ކެއުންބުއިމުގެ ކަންކަންވެސް ހެލްތު މިނިސްޓަރ ޝައިޖާލާ ވަނީ ހަމަޖައްސަވާފައެވެ.

2018 ވަނަ އަހަރު ފެތުރުނު ކޯވިޑްއަށްވުރެ ނުރައްކާތެރި ނިޕާ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޝައިޖާލާއަކީ ރައްޔިތުންގެ މެދުގައި އިތުބާރާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިނިސްޓަރަކަށްވެވަޑައިގަތުމުގެ ކުރިން ސައިންސް ޓީޗަރަކަށް އުޅުއްވި ޝައިޖާލާގެ ފަރާތުން އެފަހަރު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، ބަލި އެންމެ ބޮޑަށް ފެތުރޭ ސަރަޙައްދުތަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް، ލަފާ ދެއްވާތީއެވެ. އަވަށްތަކުގައި އުޅޭ މީހުން އެހެން ތަންތަނަށް ހިޖުރަކުރަން ތައްޔާރުވުމާއެކު ޝައިޖާލާއާއި އޭނާގެ ޑޮކްޓަރުން އަވަށްތަކަށް ގޮސް ބަލި ފެތުރޭ ގޮތާއި އެޅޭނެ ފިޔަވަޅުތައް ކިޔައިދެއްވިއެވެ.

"އަހަރެންނާއި ޑޮކްޓަރުން އަވަސްކުރީ އަވަށްތަކަށްދާން. ބައްދަލުވުންތައް ބާއްވައިގެން ވިސްނައިދިނީ އެއީ ވަކި ގޮތަކަށް ގައިން ގަޔަށް އަރާ ބައްޔެއްކަން. ގައިދުރުކަން ބެހެއްޓުމުން ވައިރަސް ނުފެތުރޭނެކަން ވިސްނައިދިނުމުން ރައްޔިތުންނަށް ހަމަޖެހުން ލިބުނު" ނިޕާ ވައިރަސް ކޮންޓްރޯލްކުރަން އުޅުއްވި ދުވަސްތަކުގެ ވާހަކަތައް ހިއްސާކުރައްވަމުން ޝައިޖާލާ ވިދާޅުވިއެވެ.

ޝައިޖާލާ ވިދާޅުވީ ނިޕާ ވައިރަސްއާ ދެކޮޅަށް ކުރި މަސައްކަތުން ވެކްސިނެއް ނުވަތަ ފަރުވާއެއް ނެތް ބަލިތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ސީރިއަސްކަން އެނގުނުކަމަށެވެ. އެހެންކަމުން އެކަމުގެ ތަޖުރިބާއިން ކޯވިޑްއާ ދެކޮޅަށް ތައްޔާރުވާން ފަސޭޙަވިކަމަށް ޝައިޖާލާ ވިދާޅުވިއެވެ.

ކެރެލާ މޮޑެލް

ޝައިޖާލާ ނިސްބަތްވެވަޑައިގަންނަވާ ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ(މާކްސިސްޓް) އަކީ 1957 ވަނަ އަހަރުން ފެށިގެން ކެރެލާ ސަރުކާރު ތެރޭގައި ބާރުގަދަ ޕާޓީއެކެވެ. ޝައިޖާލާގެ އާއިލާގައި ސިޔާސީ ހަރަކާތްތެރިން ގިނައެވެ. ރައްޔިތުން ބާރުވެރިކުރުވާ "ކެރެލާ މޮޑެލް" އެކުލަވާލިއިރު އެކަމަނާ އައީ ސިޔާސީ މާހައުލެއްގައި ބޮޑުވަމުންނެވެ. އެމޮޑެލްއަކީ އެކަމަނާއަށް ފަރިތަ މޮޑެލްއެކެވެ.

70ގެ އަހަރުތަކުގައި ކެރަލާ މޮޑެލްގެ ތެރެއިން ކުރި އެންމެ މުހިއްމު މަސައްކަތަކީ ރައްޔިތުން ބާރުވެރިކުރުވުމަށް ރަނގަޅު ޞިއްހީ ނިޒާމަކާއި ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމެވެ. އެމަސައްކަތުގެ ދަށުން ކޮންމެ އަވަށެއްގައި ޞިއްހީ މަރުކަޒެއް ހުރެއެވެ. އަދި ސަރަޙައްދީ ހޮސްޕިޓަލްތައް ވަނީ ޤާއިމްކޮށްފައެވެ. 10 މެޑިކަލް ކޮލެޖް ހުރެއެވެ. ޞިއްޙީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޞިއްހީ ނިޒާމް ތަރައްޤީކުރަން ކެރާލާ ސްޓޭޓްއިން އިންވެސްޓްކުރިވަރާ ގާތަށްވެސް އެހެން ސްޓޭޓްތަކުން އިންވެސްޓްކޮށްފައެއް ނުވެއެވެ. މިކަންކަމުގެ ނަތީޖާއަކީ، ކެރެލާގެ ލައިފް އެކްސްޕެންޓަންސީ ނުވަތަ ރައްޔިތުންގެ އެވްރެޖް އުމުރު އެހެން ސްޓޭޓްތަކަށްވުރެ ދިގެވެ. އަދި ވިހާއިރު މަރުވާ ކުދިންގެ އަދަދުވެސް އުޅެނީ އެހެން ސްޓޭޓްތަކަށްވުރެ ދަށުގައެވެ.

ޝައިޖާލާ ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލަ ސިޔާސަތުތައް ކަނޑައަޅަން ސްޓޭޓްތަކަށް ލިބިފައި އޮތް ބާރު މިއަދު ނެތްނަމަ، ކެރެލާ ސްޓޭޓްއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅޭނެއެވެ. މީގެއިތުރުން ޒަމާނާ އެއްވަރަށް ވަސީލަތްތަކާއި ޙިދުމަތްތައް ތަރައްޤީކުރުމަކީވެސް މުހިއްމުކަމެއްކަމަށް ޝައިޖާލާ ދެކެވަޑައިގަންނަވައެވެ.

ކޯވިޑް ފެތުރެން ފެށުމާއެކި ކެރެލާގެ ކޮންމެ ޑިސްޓްރިކްޓަކުން ދެ ހޮސްޕިޓަލް ކޯވިޑްއަށް ޚާއްސަކުރިއެވެ. އަދި ކޮންމެ މެޑިކަލް ކޮލެޖަކުން 500 އެނދު އެކަމަށް ޚާއްސަކުރިއެވެ. ޓެސްޓްކުރެވޭނެ ވަޞީލަތްތައް މަދުނަމަވެސް، އެ ވަޞީލަތްތައް ބޭނުންކުރެއްވީ ވަރަށްވެސް ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި އެތައް ސަތޭކަ ހާހަކުން މީހުން މަރުވަނީ ކީއްވެގެންކަމާއިމެދު ޝައިޖާލާވެސް ސުވާލު އުފައްދަވައެވެ. އަދި ގިނައިން ޓެސްޓްކުރުމާއި މީހުން އެކަހެރިކުރުމުގައި ހަރުދަނާ އުސޫލުތަކެއް އެޅުން މުހިއްމުކަމަށްވެސް ޝައިޖާލާ ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތްތަކުގެ އިތުރުން، ކެރެލާއަކީ އިންޑިއާގައި ލިޔަންކިޔަން ދަންނަ މީހުން އެންމެ ގިނަ ސްޓޭޓެވެ. ލިޔަންކިޔަން ދަންނަ މީހުން ގިނަވުމުގެ ސަބަބުން ސިއްހަތަށް ސަމާލުވުމަކީ ކިހާ މުހިއްމުކަމެއްކަން ރައްޔިތުންނަށް ވިސްނައިދިނުން އެހާ ދައްޗެއް ނޫނެވެ.
އެކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ދީނީ އަޅުކަން އަދާކުރާ ތަންތަން ބަންދުކުރަން އެންގުމުން އިންޑިއާގެ އެހެން ސަރަޙައްދުތަކުން ފެނުނު ދެކޮޅުވެރިކަން ކެރެލާ ސްޓޭޓްއިން ނުފެނުމުންނެވެ. މިސްކިތްތަކާއި ފައްޅިތައް ބަންދުކުރުމުގެ ކުރިން ކެރެލާ ސްޓޭޓްގެ ސަރުކާރުން ވަނީ ދީނީ އިލްމުވެރިންނާ ބައްދަލުކޮށް، މަޢުލޫމާތު ދީފައެވެ. އަދި ލިޔަންކިޔަން ދަންނަ މީހުން ގިނަވުމުން، މިފަދަ ބަލިމަޑުކަމަކުން ސަލާމަތްވުމަށް ގޭގައި ތިބުމަކީ ކިހާ މުހިއްމުކަމެއްކަން ވިސްނައިދޭން ކެރެލާ ސަރުކާރަށް އުނދަގުލެއް ނުވިއެވެ.

ކާމިޔާބީގެ ސިއްރު - ހަރުދަނާ ރޭވުންތެރިކަން

އިންޑިއާ ސަރުކާރުން އިޢުލާންކޮށްފައި އޮތް ލޮކްޑައުން 17 މޭގައި ހަމަވާނެއެވެ. ލޮކްޑައުން އުވާލައިފިނަމަ ކެރެލާއަށް އެތަން މިތަނުން މީހުން އައިސް، ވައިރަސް ފެތުރިދާނެކަމުގެ ބިރު އެބައޮތެވެ.

"މިދަނީ ހުރިހާ ކަމަކަށްވެސް ތައްޔާރުވަމުން. ޕްލޭން އޭ، ޕްލޭން ބީ، އަދި ޕްލޭން ސީވެސް އެބައޮތް" ބަލި ފެތުރިދާނެކަމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގަތް ހުންނެވިކަން ހާމަކުރައްވަމުން ޝައިޖަލާ ވިދާޅުވިއެވެ.

ކެރެލާ ސަރުކާރުން ތައްޔާރުކޮށްފައިވާ ޕްލޭންގައިވާ ގޮތުން އެންމެ ނުރައްކާތެރި ޙާލަތަށް ދިއުމުން 165 ހާސް އެނދު ތައްޔާރުކުރުމަށް ހޮޓާތަކާއި، ކޮންފަރެންސް ހޯލްތައް ނަގާނެއެވެ. އަދި ފަސް ހާހެއްހާ ވެންޓިލޭޓަރު ބޭނުންވެދާނެކަމަށް ބަލާއިރު، ގިނަ ތަކެއްޗަށް ވަނީ އޯޑަރުދީފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ސްކޫލްތަކުގެ ޓީޗަރުން ވަނީ ތަމްރީންކޮށްފައެވެ.

ކެރެލާގައި ކޯވިޑް ފެތުރުން ނުރައްކާތެރި ޙާލަތަކަށް ނުދިޔަނަމަވެސް ކޯވިޑްގެ ބިރުވެރިކަމުން އަވަހަކަށް އަރައެއްނުގަނެވޭނެކަމަށް ޝައިޖާލާ ދެކެވަޑައިގަންނަވައެވެ. އެހެންކަމުން އަދިވެސް އިތުރު މަސައްކަތްކުރަންޖެހޭކަމަށް ޝައިޖާލާ ވިދާޅުވިއެވެ.

ނަމަވެސް ކެރެލާގެ ހެލްތު މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރާކަށް ޝައިޖާލާއަށް މާގިނަ ދުވަހެއް ނެތެވެ. 2016 ވަނަ އަހަރު އެކަމަނާ ޙަވާލުވެވަޑައިގަތް މަޤާމުގެ ދައުރު އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަވާނެއެވެ. އެމަޤާމަށް އަލުން އެކަމަނާ ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯއެއް
ނޭނގެއެވެ. ކެރެލާގެ ހެލްތު މިނިސްޓަރގެ މަޤާމަށް ދެން އަންނާނެ ބޭފުޅަކަށް ދެއްވާނެ ނަސޭޙަތަކީ ކޮބައިތޯ ދެންނެވުމުން ހިނިފުޅުވަޑުވަމުން ޝައިޖާލާ ވިދާޅުވީ، "ހަރުދަނާ ރޭވުންތެރިކަން"އެވެ.