ޚަބަރު

ކޯވިޑް-19 : "ޢާއިލާތަކުން ވަމުންދާ ކެތްތެރިކަމާއި ޤުރުބާނީއަށް ސެލިއުޓް ހައްޤު"


ކޯވިޑް-19އިން ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ އާއިލީގުޅުމުގެ މުހިންމުކަމާއި، މުޖުތަމައު ޢާއިލާތަކަށް ބޭނުންވެފައިވާ މިންވަރުކަމުގައި ޖެންޑާ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ދެއްވި ޚިތާބްގައި ވިދާޅުވީ މިދުވަސް ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ އާއިލާތަކަށް އަސަރުކޮށްފާނެ އިޖްތިމާއީ އިގްތިސާދީ އަދި އާބާދީއާ ގުޅުންހުރި ކަންކަމާމެދު މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ އަދި ބަދަހި ޢާއިލާތަކެއް ބިނާކުރުމަށް ބޭނުންވާ މުހިންމު ކަންކަމާމެދު ކަމާގުޅޭއިދާރާތައް ހިމެނޭ ގޮތަށް މުޅި މުޖުތަމައު ހޭލުންތެރިކުރުންކަމަށެވެ.

މިއަހަރު އާއިލާތަކުގެ ދުވަސް ފާހަގަކުރަންޖެހިފައިވަނީ ވަރަށް ގިނަ އާއިލާތަކަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިމވެފައިވާ ދަނޑިވަޅެއްގައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޯވިޑް-19ގެ ސަބަބުން އެކި ޢާއިލާތަކަށް ތަހައްމަލް ކުރަންޖެހިފައި އޮތް ހިތްދަތިކަމާއެކު މިދަނޑިވަޅުގައި ޢާއިލާތަކުން ދައްކާ ކެތްތެރިކަމަކީ ނަމޫނާ މިސާލުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޙާލަތުގެ ނާޒުކުކަމާއެކު ޢާއިލާ އެންމެން ގޭގައި ތިބެންޖެހުމުން ޢާއިލީގުޅުންތައް އިތުރަށް ބަދަހިވެ ހަރުދަނާވުމުގެ ރީތި މިސާލު މުޖުތަމައުން ފެންނަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިޙާލަތުގައި މިބަލިމަޑުކަމުން މުޖުތަމައު ރައްކާތެރިކުރުމަށް އެންމެ ކުރީސަފުގައި މަސައްކަތް ކުރަމުންދާ މީހުން ޢާއިލާއާއި ބައްދަލުވުނުވާތާ އެތައްދުވަހެއް ވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބައްޔަށް ޕޮޒިޓިވްވެގެންނާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެކަހެރިކުރެވޭ މީހުންނާއި، ކަރަންޓީންގައާއި އައިސޮލޭޝަންގައި ތިބި ބޭފުޅުންގެ ކޮންމެ ވަގުތަކީ ޢާއިލާތަކާ ދުރުގައި ހޭދަކުރާ ހިތްދަތި ދުވަސްތަކެއްކަމަށެވެ. މިދަނަޑިވަޅުގައި މިބޭފުޅުންގެ ޢާއިލާތަކުން އެބޭފުޅުންނަށް ދެއްވާ ހިތްވަރާއި އެއްބާރުލުމަކީ އެބޭފުޅުންނަށް ލިބިގެންދާ އެންމެބޮޑު ހިތްވަރުކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިދަނޑިވަޅުގައި ޢާއިލާތަކުން ދައްކަމުންދާ ކެތްތެރިކަމަށް ސެލިއުޓް ހައްގުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އިން ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ ޢާއިލީ ގުޅުމުގެ މުހިންމުކަމާއި ޢާއިލާގެ ރައްކާތެރިކަމައި ދުޅަހެޔޮކަން ކަށަވަރުމުގައި ޢާއިލާގެ ކޮންމެ މީހެއްގެވެސް މުހިންމު ދައުރެއް އޮތްކަމަށާ، ކޮންމެ މީހެއްގެ ފަރުވާއަށް މުޅި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއާއެކު ބަދަހި ކުރެވުނު އާއިލީ ގުޅުން އަބަދުވެސް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރވަނީ މިޙާލަތުގައި ޢާއިލާތަކުން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ޢާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމުން ޢާއިލާތަކާއި މުޖުތަމަޢާ އޮތްގުޅުން ވަރަށްބޮޑަށް ހާމަވެ، މުޖުތަމަޢުގައި ޢާއިލީ ގުޅުމުގެ މުހިންމުކަން ހާމަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުޖުތަމައަށްކުރާނެ ކޮންމެ އަސަރަކީ އައިލާތަކަށް ފޯރާނެ ކަމެއްކަން މިކަމުން ހާމަވެފައިވާކަމަށާ، މިކަމުން ދަސްކޮށްދިން ރީތި އަދާތަކާއެކު ޢާއިލީ ޒިންމާތަކާއި އާއިލީ ގުޅުންތައް ބަދަހިކަމާއިއެކު ދެމެހެއްޓުމަށް ހުރިހާ އާއިލާތަކަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.