ޚަބަރު

ކޯވިޑް-19: އުމުރުން ދުވަސްވީ 18000އަށްވުރެ ގިނަ މީޙުންގެ މައޫލޫމަތު އެއްކުރެވިއްޖެ - ޖެންޑަރ މިނިސްޓްރީ


ކޯވިޑް-19އާ ގުޅިގެން ޢުމުރުން ދުވަސްވީ މީހުންގެ މަޢޫލޫމާތު އެއްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 18000އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ނަސޫހާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ މަޢުލޫމާތު އެއްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގޫގްލް ފޯމް މެދުވެރިކޯށް 1801 މީހެއްގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ. އަދި މިކަމާ ގުޅުން ހުރި އިދާރާތަކުން ކުރި މަސައްކަތުން މިހާތަނަށް 18817 މީހެއްގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަނޫހާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ މި މަޢޫލޫމާތުތައް ވެރިފައި ކުރުމުގެ މަސައްކަތްކަމަށެވެ. ނަމަވެސް މިނިސްޓްރީއަށް ލިބިފައިވާ ނަމްބަރުތަކުން އެމީހުންނަށް ދިމާނުވާކަމަށާއި އައިލާގައި އުމުރުން ދުވަސްވީ މީހެއް ހުރިކަމަުގައި ވާނަމަ ޖެންޑަރ މިނސްޓްރީގެ ނަމްބަރު 1421އަށް ގުޅައި އެމަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.

އަދި ލޮކްޑައުންގެ މުއްދަތުގައި އެއްވެސް އުމުރުން ދުވަސްވީ މީހެއް އެކަނި އުޅެމުންދާނަމަ އެ މަޢުލޫމާތުތައްވެސް މިނިސްޓްރީއަށް ހިއްސާކުރުމަށް ޖެންޑަރ މިނިސްޓްރީން އެދެއެވެ. ސަނޫހާ ވިދާޅުވީ ރާއްޖެގެ ބައެއްރަށްތައް މޮނިޓަރިންގެ ހާލަތަށް ލުމާ ގުޅިގެންވެސް
މިހާތަނަށް 192 މީހަކަށް އެހިތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ޖެންޑަރަ މިނިސްޓްރީން އުމުރުން ދުވަސްވީ މީހުންގެ މަޢުލޫމާތުތައް އެއްކުރަމުންދަނީ ކޯވިޑް-19 ގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނުމާއެކު މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިން ފޯރުކޯށްދިނުމުގައި ލުއިފަސޭހަ ކުރުމަށެވެ. މިގޮތުން މިދަނޑވަޅުގައި އެމީހުންނަށް ބޭނުންވާ ބޭހާއި ޒަރޫރީ އެހެން ތަކެތި ހޯދައުދިދެމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން އެ މިނިސްޓްރީން ގެންދަނީ އުމުރުން ދުވަސްވީ މީހުންނަށް ސައިކޯސޮޝަލް ސަޕޯޓް ފޯރުކޮށްދީ ކޯވިޑް-19އަށް މިމީހުން ހޭލުންތެރިވެސް ކުރުވަމުންނެވެ.

"މިދަނޑިވަޅުގައި އެބަ އުނދަގޫވޭ ބޭސް ހޯދަންވެސް. މިސާލަކަށް ކެއުމަށް ވަކި ޚާއްސަ އެއްޗެއް ބޭނުންކުރާ މީހަކު ހުރެދާނެ މިތަކެތި ހޯދައިދިނުމަށްވެސް އެބަ މަސައްކަތް ކުރަން. ރާއްޖެއިން ބޭރުން ބޭސް ގެނެސްގެން ކާ މީހުންވެސް ވަރަށް ގިނަ. މިބޭސްތައް އެސްޓީއޯގެ އެހީތެރިކަމާއެކު ހޯދާ އެތަކެތިވެސް އެބަ ފޯރުކޮށްދެން." ސަނޫހާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީންވަނީ ޢުމުރުން ދުވަސްވި މީހުންގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް މިދިޔަ މަރޗްމަގުގައި ފަށާފައެވެ.
ކޯވިޑް-19 ދުނިޔޭގެ އެކި ޤައުމުގައި ފެތުރެމުންދާއިރު، މިއީ ޚާއްސަކޮށް ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އެބަލީގެ ނުރައްކާ ބޮޑު ބައްޔެއްކަމަށް ޞިއްޚީ ތަޖުރިބާކާރުން ވިދާޅުވެއެވެ.