މުނިފޫހިފިލުވުން

"ޕޭޕަރ މާރިއޯ" ނިންޓެންޑޯ ސްވިޗަށް ޖުލައިމަހު އަންނަނީ


މާރިއޯ ފްރެންޗައިޒްގެ އެންމެފަހުގެ ގޭމް "ޕޭޕަރ މާރިއޯ - ދަ އޮރިގާމީ ކިންގް" ނިންޓެންޑޯގެ ސްވިޗް ކޮންސޯލް ސިސްޓަމަށް ގެނެއުމަށް ތައްޔާރުވަމުންދާކަމަށް ނިންޓެންޑޯއިން ބުނެފިއެވެ.

މަޝްހޫރު ގޭމިންގ ސިސްޓަމް ނިންޓެންޑޯގެ ރަސްމީ ވެބްސައިޓުގައިވާގޮތުން "ޕޭޕަރ މާރިއޯ" ނިންޓެންޑޯ ސްވިޗް އަދި ސްވިޗް ލައިޓަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 17 ގައެވެ. އަދި މި ގޭމު 59.99 ޑޮލަރަށް ގަންނަން ލިބޭނެކަމަށްވެސް ނިންޓެންޑޯއިން ބުނެފައިވެއެވެ.

ވީޑިއޯ ގޭމްތަކަށް ލޯބިކުރާ މީހުންގެ މެދުގައި ބޮޑު މަޤުބޫލުކަމެެއް ހޯދާފައިވާ ސުޕަރ މާރިއޯއަކީ މީގެ 35 އަހަރު ކުރިން ޖަޕާނުގެ ވީޑިއޯ ގޭމް އުފައްދާ ކުންފުންޏެއްކަމަށްވާ ނިންޓެންޑޯއިން އުފެއްދި ގޭމެކެވެ. މިއީ ރާއްޖޭގަައިވެސް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފްރެންޗައިޒް ގޭމް ސީރީޒެކެވެ. ނިންޓެންޑޯގެ ކޮންމެ ވީޑިއޯ ގޭމް ކޮންސޯލަކަށްހެން މާރިއޯ ގޭމެއް ރިލީޒްކޮށްފައިވާއިރު، އެހެނިހެން ވީޑިއޯ ގޭމް ޕްލެޓްފޯމުތަކުގައިވެސް ސުޕަރ މާރިއޯގެ އެކި ގޭމްތައް ނެރެފައިވެއެވެ.

"ޕޭޕަރ މާރިއޯ"ގައި އައު ސްކިލްސްތަކެއް ނުވަތަ ހުނަރުތަކެއް މާރިއޯއަަށް ވަނީ ދީފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހުނަރަކީ "1000 ފޯލްޑް-އާމްސް"ގެ ނަމުގައި އައު ތަންތަން ޑިސްކަވަރ ކުރުމަށް ނުވަތަ ހޯދުމަށް މާރިއޯއަަށް ލިބިގެންދާ ބާރެވެ.

މާރިއޯގެ ފަހުގެ ގޭމުގަައި ޕްރިންސަސް ޕީޗުގެ ދަޢުވަތަކަށް އޮރިގާމީ ކިންގްޑަމްގައި ބާއްވާ ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ. ނަމަވެސް ޕްރިންސަސް ޕީޗުގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވި، ކިންގް އޯލީ މުޅި ކިންގްޑަމް އޭނާގެ ބާރުގެ ދަށަށް ގެންދަން މަސައްކަތްކުރާކަން އެނގުމުން، ޕްރިންސަސް ޕީޗު ސަލާމަތްކޮށް، ހަލާކުވެފައިވާ ޕޭޕަރ ލޭންޑް ސްކޭޕްތައް މަރާމާތުކުރުމުގެ މަސައްކަތް މާރިއޯއަށް ކުރަންޖެހެއެވެ. ގޭމުގެ ވާހަކަ ބިނާކޮށްފައިވަނީ ކިންގް އޯލީގެ ކިބައިން ސަލާމަތްވުމަށް މާރިއޯ ކުރަންޖެހޭ މަސަައްކަތްތަކުގެ މައްޗަށެވެ.

ކޯވިޑް-19 ޕެންޑަމިކްއާއެކު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އިޖްތިމާޢީ ގައިދުރުކަން ފަރިތަކޮަށް، ގޭތެރޭގައި ގިނަ ބަޔަކު ބަންދުވާން މަޖުބޫރުވެފައިވާ މި ދުވަސްވަރު ވީޑިއޯ ގޭމްތަކަށް އޮންނަ ޑިމާންޑް މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

އެގޮތުން ނިންޓެންޑޯއިން މިދިޔަ މާރިޗުމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި "އެނިމަލް ކްރޮސިންގ - ނިއު ހޮރިޒޯން" ވެފައިވަނީ ކަރަންޓީން ބެސްޓް ސެލަރއަށެވެ. އެގޮތުން މާރިޗުމަހުގެ ނިޔަލަށް އެކަނިވެސް އެ ގޭމުގެ 55.7 މިލިއަން ޔުނިޓް ނިންޓެންޑޯއިން ވިއްކާފައިވާއިރު، މިއީ ކޮންސޯލް ގޭމުގެ ތަރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ގޭމު ވިކުނު ފުރަތަމަ ފަހަރުކަން ގޭމިންގ އިންޑަސްޓްރީގެ ކަންކަން ދިރާސަަކުރާ "ސުޕަރ ޑޭޓާ"އިން ބުނެފައިވެއެވެ.

ކޮންމެއަކަސް އެނިމަލް ކްރޮސިންގއަށް ލިބުންފަދަ ހޫނު ތަރުޚީބެއް ޕޭޕަރ މާރިއޯއަށް ލިބިދާނެތޯ މިއީ މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.