ބިދޭސީންނަށް ޚާއްސަކޮށްގެން ވިލިވަރުގައިހަދާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިމިފައިވާކަމަށް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، ފެނަކަ ކޯޕަރޭޝަނެވެ. އަދި އެސްޓީއޯއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޑަބްލިއުސީ ކޮންސްޓްރަކްޝަނުންވެސް ދަނީ މިމަސައްކަތުގައި ބައިވެރިވަމުންނެވެ.
ވިލިވަރުގައި ހަދާ މެޑިކަލް ފެސިލިޓީއަކީ 3ޓެންޓަށް ހަދާ، 200މީހުންގެ ޖާގައިގެ ފެސިލިޓީއެކެވެ. އަދި ދެ ބްލޮކަށް ހަދާފައިވާ 20 ފާޚާނައާއި، 250މީހުންގެ ޖާގައިގެ ބަދިގެއެއްވަނީ ހަދާފައެވެ. މީގެއިތުރަށް ސަރވިސް ސްޓާފުންނަށް 30އެނދުގެ ފެސިލިޓީއެއްވަނީ ހަދާފައެވެ. މި ފެސިލިޓީގެ މަސައްކަތް ނިންމައި މިމަހުގެ 17ވަނަ ދުވަހު އެތަނަށް ބިދޭސީން ބަދަލުކުރަންފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީންވަނީ ވިދާޅުވެފައިވެއެވެ.
ވިލިވަރަކީ ކޯވިޑް-19އަށް ޚާއްސަކޮށްގެން އެންމެ ފުރަތަމަ ރާއްޖޭގައި ހެދި ކަރަންޓީނު ފެސިލިޓީއެވެ. ވިލިވަރުގައި 30ކޮޓަރީގެ ފެސިލިޓީއެއްވަނީ ހަދާފައެވެ. ނަމަވެސް އެރަށުގައި ހިންގި އަލިފާނުގެ ޙާދިސާއަކާ ގުޅިގެން އެރަށުގައި ތިބި މީހުން އެހެން ފެސިލިޓީއަކަށް ބަދަލުކުރިއެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ %67 އަކީ ބިދޭސީންނެވެ. އަދި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައިވެސް ގިނައިން ހިމެނެނީ ބިދޭސީންނެވެ. ސަރުކާރުންދަނީ ބިދޭސީންނަށް ޚާއްސަކޮށްގެން ގިނަ އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީން ފެސިލިތީތައް ތަރައްޤީކުރަމުންނެވެ. އެގޮތުން މިހާރުވެސް ހުޅުމާލެއާއި، ގުޅީފަޅުގައި ދަނީ ފެސިލިތީތަކެއް ތަރައްޤީކުރަމުންނެވެ. މިމަހުގެ ކުރީކޮޅުވަނީ ގުޅިފަޅުގައި ހަދާފައިވާ 600 މީހުންގެ ޖާގައިގެ ފެސިލިޓީއަށް، ބިދޭސީން ބަދަލުކޮށްފައެވެ.
އަދި 4000އާ ގާތްކުރާ އަދަދަކަށް ބިދޭސީންނަށް ތިބެވޭނެ ފެސިލިޓީއެއްވެސް ގުޅިފަޅުގައިދަނީ ތަރައްޤީކުރަމުންނެވެ. ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ބަދަލުކުރުމަށް ކުރާ މަސައްކަތުގެދަށުން ހުޅުމާލެއަށް 300އަށްވުރެ ގިނަ ބިދޭސީން ބަދަލުކޮށްފައިވެއެވެ. އަދި މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައިދަނީ އަމިއްލަ ކުންފުނިތަކުގެ އެހީގައި ބިދޭސީންނަށް ޚާއްސަ ފެސިލިޓީތަކެއް ހަދަމުންނެވެ. މި ފެސިލިޓީތަކުގައި 2500އަށްވުރެ ގިނަ ބިދޭސީން ކަރަންޓިންކުރެވޭނެއެވެ. ހުޅުމާލޭގައި ހަދަ 3 ކަރަންޓީން ފެސިލިޓީގެ މަސައްކަތް މިމަހުގެ 18ވަނަ ދުވަހަށް ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.