ޚަބަރު

ޙުސައިން ޢަބްދުﷲ- ތައުލީމު ކުރިއަރުވައި ތަރައްޤީކުރެއްވުމަށް އަރުތަވެރި މަސައްކަތްޕުޅެއް ކުރެއްވި

ކޯވިޑް19 އަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވި ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ށ. މަރޮށި ޙުސައިން ޢަބްދުﷲ އަކީ ތަޢުލީމީ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

ތަޢުލީމީ ދާއިރާއަށް އަގު ނުކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޙުސައިން ޢަބްދުﷲ މަސައްކަތްތައް ފެށިގެން އައީ އުފަން ރަށް މަރޮށިންނެވެ. މިގޮތުން ޙުސައިން ޢަބްދުﷲ ވަނީ 1979 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު މަރޮށީގައި އަލްމަދަރުސަތުލް މުނައްވަރާގެ ނަމުގައި ސްކޫލެއް ޤާއިމުކޮށް އެ ސްކޫލް ރަސްމީކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްފައެވެ.

ސްކޫލް ޤާއިމްކޮށްފައި ހުރީ ސްކޫލުގެ ބާނީ ޙުސައިން ޢަބްދުﷲ ދިރިއުޅުއްވި އަމިއްލަފުޅު ގެކޮޅުގައެވެ.. އެންމެ ފުރަތަމަ މި ސްކޫލްގައި ކިޔަވައިދޭން ފެށީ 4 މުދައްރިސުންނާއި 95 ދަރިވަރުންނާއި އެކުގައެވެ. ސްކޫލުގެ ހުރިހައި ޚަރަދެއް ބަލަހައްޓަވަމުން ގެންދެވީ ޙުސައިން ޢަބްދުﷲ އަމިއްލަ ފުޅަށެވެ.

1980 ގެ އަހަރުތަކުގެ މެދު ތެރޭގައި، އެޒަމާނާއި ގުޅޭގޮތަށް ސްކޫލަށް ބޭނުންވާ 10 ކުލާސްރޫމާއި، ހޯލަކާއި އަދި އިދާރީ އިމާރާތައް ބިނާކުރިއެވެ. އަދި މަރޮށީގެ ތައުލީމު މުޅިން އައު ހަރުފަތަކަށް ބަދަލުކުރައްވާ އެ އަތޮޅުގައި ފުރަތަމަ ފަހަރަށް ބިދޭސީ ޓީޗަރުން ގެންނަވައިގެން ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން ފެށީވެސް ޙުސައިން ޢަބްދުﷲ އަމިއްލަ އިސްނެންގެވުމާއެކު އަލްމަދަރުސަތުލްމުނައްވަރާގައެވެ.

އަލްމަދަރުސަތުލް މުނައްވަރާގައި ޒަމާނީ ތައުލީމު ދިނުމަށް ބޭނުންވާ ވަޞީލަތްތަކާއި ޖާގައިގެ ދަތިކަން ކުރިމަތިވާތީވެ، 2003 ވަނަ އަހަރު މުޅިން އައު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ސްކޫލުގެ ބާނީ ފެއްޓެވިއެވެ. މި ސްކޫލު އިމާރާތްކޮށް ނިންމެވީ 2006 ވަނައަހަރުއެވެ. އަލަށް އިމާރާތްކުރި ސްކޫލަކީ ވަރަށް ފުރިހަމަ ސްކޫލެކެވެ. ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ލާމަސީލް ސްކޫލެކެވެ. މި ސްކޫލް ބިނާކުރުމުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާފައިވަނީ ޙުސައިން ޢަބްދުﷲ އަމިއްލަ ފުޅަށެވެ.

28 އަހަރުގެ ދިގުމުއްދަތަކަށް، ޙުސައިން ޢަބްދުﷲ ސްކޫލު ހިންގެވުމަށްފަހު، 2007 ވަނަ އަހަރުގެ ޖުލައި މަހު 26 ވަނަ ދުވަހު ރަސްމީކޮށް ސްކޫލު ސަރުކާރާ ހަވާލުކުރެއްވިއެވެ.

މީގެ އިތުރުން ޙުސައިން ޢަބްދުﷲ ވަނީ އެ އަތޮޅުގެ އެކި ރަށްރަށުގައި ތިބި ފޯރުންތެރިކަން ދަށް ޢާއިލާތަކުގެ ކުދިން އެކުދިންގެ ބެލެނިވެރިންނާއި އެކު މަރޮއްޓަށް ބަދަލުކޮށް އަލްމަދަރުސަތުލް މުނައްވަރާއިން ތައުލީމް ހާޞިލްކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވާފައެވެ. އެ ކުދިން އަލްމަދަރުސަތުލް މުނައްވަރާގައި ތައުލީމް ހާޞިލްކުރަމުން ދިޔައިރު އެކުދިންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތަކާއި އަދި އާއިލާގެ ޚަރަދު ބަލަހައްޓަމުންވެސް ގެންދެވީވެސް ޙުސައިން ޢަބްދުﷲ އެވެ.

ށ. އަތޮޅުގެ ކޮންމެ ރަށަކުން ދެ ކުދިން ރާއްޖެއިން ބޭރަށް ފޮނުއްވައިގެން ޤާރީންގެ ގޮތުގައި ތަމްރީނުވެސް ވަނީ ކޮށްފައެވެ. މިއަދު މީގެ ތެރެއިން ބައެއް ކުދިންނަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ހާފިޒުންނާއި ޤާރީންނާއި ޤުރުއާން މުދައްރިސުންނެވެ.

ޙުސައިން ޢަބްދުﷲ އަކީ ދީނީ ތައުލީމް ފެތުރުއްވުމަށް ވަރަށް މަތީ ދަރަޖައަކަށް އިސްކަން ދެއްވި ބޭފުޅެކެވެ. އެގޮތުން މަރޮށީން ގިނަ އަދަދެއްގެ ކުދިންނަށް ރާއްޖެއިން ބޭރުން ދީނީ ރޮގުންނާއި އަދި އެހެނިހެން ދާއިރާތަކުން މަތީ ތައުލީމު ހާޞިލްކުރުމުގެ ފުރުޞަތު އަމިއްލަ ފުޅު ޚަރަދުގައި ތަނަވަސް ކޮށްދެއްވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ މިއަދު ސަރުކާރުގެ ބައެއް މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެގޮތުން މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ފާހަގަކޮށްލެވެއެވެ.

މިހާރުވެސް ޙުސައިން ޢަބްދުﷲ ޚަރަދުގައި ރާއްޖެއިން ބޭރުގައި މެޑިސިންގެ ދާއިރާއިން މަތީ ތައުލީމް ހާޞިލްކުރާ ދަރިވަރުން އެބަތިއްބެއެވެ. ށ. އަތޮޅުގެ އެކި ރަށްރަށުގެ ސްކޫލުތަކަށާއި އެހެނިހެން ބައެއް ސްކޫލުތަކަށް ޙުސައިން ޢަބްދުﷲ ދީލަތި އެހީތެރިކަން ވަނީ ވަރަށް ފުރިހަމައަށް ލިބިފައެވެ.

ށ. އަތޮޅުގެ ތައުލީމު ކުރިއަރުވައި ތަރައްޤީކުރެއްވުމަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތްތެރިޔާ އަލްފާޟިލް
ހުސެއިން ޢަބްދުﷲ ވަނީ އަރުތަވެރި މަސައްކަތްޕުޅެއް ކުރައްވާފައެވެ. ޙުސައިން ޢަބްދުﷲ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ޤައުމާއި ޙާއްސަކޮށް ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ނުހަނު ބޮޑު ގެއްލުމެކެވެ.