ޚަބަރު

ބަންގްލަދޭޝްގެ 500 އަށްވުރެ ގިނަ މީހުން ހޮނިހިރު ދުވަހު އަނބުރާ ޤައުމަށް ފޮނުވާލެވޭނެ - އެންއީއޯސީ


ބަންގްލަދޭޝްގެ 500 އަށްވުރެ ގިނަ މީހުން ހޮނިހިރުދުވަހު އަނބުރާ ޤައުމަށް ފޮނުވާލެވޭނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުގައި މަބްރޫކް އަޒީޒް ވިދާޅުވީ، ބަންގްލަދޭޝް މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭމުންދާ މީހުން ފޮނުވާލުމަށް މިހާރުކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އިތުރު ބަޔަކު މިމަހުގެ 16 ވާ ހޮނިހުރު ދުވަހު ފޮނުވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. މީގެތެރޭގައި 500 އަށްވުރެ ގިނަ މީހުން ހިމެނޭކަމަށާއި އެމީހުން ފުރުވާލާނީ މޯލްޑިވިއަންގެ ފްލައިޓަކާއި، ބިމާން އެއަރލައިންގެ ފްލައިޓެއްގައިކަމަށެވެ.

އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންދަނީ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައް ހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިޔުމާ ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ޤައުމަށް އަނބުރާ ދާން ބޭނުންވިނަމަވެސް، ދެވޭނެ މަގެއް ނެތް ބައެއް ބިދޭސީންވެސް ތިބުމާއެކު، ސަރުކާރުން އެމީހުން ފޮނުވާލުމުގެ މަސައްކަތްކުރަމުންދަނީ ބަންގްލަދޭޝްގެ ސަރުކާރާ ގުޅިގެން ކަމަށްވެސް ސަރުޚާރުންވަނީ ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގެދަށުން މީގެ ކުރިންވެސް 68 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ޤައުމަށް އަނބުރާ ފޮނުވާލާފައިވަނީ ބަންގްލަދޭޝައާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިން ގޮވައިގެން ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.