ޚަބަރު

ކޯވިޑް19: އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންގެތެރެއިން ޕޮޒިޓިވްވީ 137 މީހުން - އެންއީއޯސީ


ކޯވިޑް-19ގެ މިޙާލަތުގައި އިސްސަފުގައި ހަރަކާތްތެރިވާ މީހުންގެތެރެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައޮވަނީ 137 މީހުންކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.އިބްރާހީމް އަފްޒަލް މިރޭވަނީ ފްރޮންޓްލައިންގައި ޚިދުމަތްދޭ މީހުންގެ ތެރެއިން އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ސީދާ ޢަދަދަކީ 137 ކަމަށް ވިދާޅުވެފައެެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލް އެންއީއޯސީން ހާމަކުރައްވާފައެއްނުވެއެވެ.

އިސް ސަފުގައި، މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގެ ބައެއް މުވައްޒަފުންނާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ފޯރުކޮށްދޭ ބައެއް ތަންތަނުގެ މުވައްޒަފުންވެސް ހިމެނެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ސިފައިނާއި ފުލުހުންގެ އިތުރު ތަފްސީލުވެސް ސަލާމަތީ ސަބަބުތަކައްޓަކައި ހާމަ ނުކުރާނެކަން އެފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތު ރާއްޖޭގައި އެންމެ ގޯސްހާލަތަލަކަށްދާނީ ކުރިއަށްމިއޮތް ދެ ހަފްތާގެތެރޭގައިކަަމަށް ލަފާކޮށް ސަރުކާރުން ފިޔަވަޅުތައް ހަރުދަނާ ކުރަން ނިންމާފައިވާއިރު، ކުރީސަފުގައި މަސައްކަތްކުރާ ސިއްޙީ މީހުންނާއި، ސަލާމަތީ ބާރުތަކުގެ އިތުރުން އެކި ޚިދުމަތްތަކުގައި ހަރަކާތްތެރިވާ މީހުންދަނީ ހުއްޓުމެއްނެތި ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރަމުންނެވެ.