ޚަބަރު

ތައްޔާރީކާނާ ގަންނަ މިންވަރު ދަށްވެ، ޞިއްޙަތަށް ރަނގަޅު ކާނާ ބޭނުންކުރާ މިންވަރު އިތުރުވެއްޖެ


ތައްޔާރީކާނާ ގަތުމަށް ކުރާ ޚަރަދު ކުޑަވެ، މޭވާއާއި ތަރުކާރީ ގަންނަ މިންވަރު އިތުރުވެފައުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް އެންޓްވާޕުން 11 ޤައުމަކުން 11،000އަށްވުރެ ގިނަ މީހުންގެ މެދުގައި ކުރި ދިރާސާގެ ފުރަތަމަ ނަތީޖާތަކުން ދެއްކިގޮތުގައި ކޯވިޑް-19 ފެތުރޭތީ ގިނަ ޤައުމުތައް ފުރަބަންދުކޮށް ޢާންމުން ގޭގައި ތިބެންޖެހުމުގެ ސަބަބުން ގޭގައި ކައްކާ މީހުންގެ ޢަދަދު އިތުރުވެ، ކާބޯތަކެތި އުކާލާ މިންވަރުވަނީ މަދުވެފައެވެ. އަދި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމަށް އެދިރާސާއިންވަނީ ފާހަގަވެފައެވެ.

ފުރަބަންދުގެ ސަބަބުން އޮފީސްތަކުގައި މަސައްކަތްކުރާ މީހުން ގޭގައި ބަންދުވެފައި ތިބެންޖެހުމުން ލުއިކާނާއާއި ވަގުތުން ތައްޔާރުކޮށްލެވޭ ކާނާ ގަންނަ މިންވަރާއި ރެސްޓޯރަންޓުތަކުން ކާބޯތަކެތި ގެނެސްގެން ކެއުންވަނީ މަދުވެފައެވެ. އަދި ގިނައިން ލޮނު އަޅާފައިވާ ބާވަތްތަކާއި ފޮނިކާތަކެތި ގަންނަ ނިސްބަތްވަނީ ދަށްވެފައެވެ. ހާސްވާ ވަގުތުތަކުގައި ލޮނުއެޅި ކާނާއާއި ގިނައިން ހަކުރު ހުންނަ ފޮނި ކާތަކެތި ކާ މިންވަރު ޢާންމުކޮށް އިތުރުވެއެވެ. ނަމަވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި އަމިއްލައަށް ގޭގައި ތައްޔާރުކުރާ މީރު ކާނާ ކެއުމަށް ގިނަ ބަޔަކު ޝައުޤުވެރިވާކަމަށް ދިރާސާއިންވަނީ ފާހަގަކޮށްފައެވެ.

ދިރާސާގައި ބައިވެރިވި އެއް ޤައުމު ކަމުގައިވާ ޗިލީގައި ލުއިކާނާ ގަންނަ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ނަމަވެސް ގޮދަނުގެ ބާވަތްތައް ގަންނަ ނިސްބަތްވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. އަދި ކުކުޅާއި މަހުގެ ބާވަތްތައް ގަންނަ މިންވަރަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

އޭޕްރިލް މަހުގެ 17ން ފެށިގެން މެއި މަހުގެ 7އަށް ކުރި ދިރާސާ ޖޫންމަހުގެ ނިޔަލަށް 25 ޤައުމެއްގައި ކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސް ކާބޯތަކެއްޗަށާއި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށް ދޭ ސަމާލުކަން އިތުރުވެފައިވާތީ ދިރާސާގެ ހޯދުންތަކަށް މާބޮޑު ބަދަލެއް އަންނާނެކަމަށް ލަފައެއް ނުކުރެވެއެވެ. އިންސާނުންގެ ކިބައިގައި އައު އާދައެއް އަށަގަތުމަށް ނަގަނީ 6 ހަފުތާއެވެ. ފުރަބަންދުގައި ތިބޭތާ އެއަށްވުރެ ގިނަ ދުވަސް ވެފައިވުމުން ބައެއް އާދަތައް ކަށީގައި ހަރުލާނެކަމަށް ބެލެވެއެވެ. އަދި ކެއްކުމުގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުމުން ގޭގައި ކައްކާ މިންވަރު އިތުރުވާނެކަމަށް ބެލެވެއެވެ. އެގޮތުން ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ދަޅުކާނާއާއި ފިނިކުރި މޭވާއާއި ތަރުކާރީ ގަންނަ މިންވަރުވަނީ އިތުރުވެފައެވެ.

ދިރާސާކުރުމުގައި އިސް ދައުރެއް ޢަދާކުރައްވާ ޝާލެޓް ޑީ ބެކާ ވިދާޅުވީ އެބަދަލަކީ ޞިއްޙަތާމެދު މީހުން ވިސްނާ މިންވަރު އިތުރުވުންކަމަށް ބެލެވިދާނެއެވެ. ފިހާރައިގައި ހޭދަކުރާ ވަގުތު މަދުކުރަން ކައްކާނެ އެއްޗެއް ދުރާލާ ވިސްނާ ލިސްޓު ތައްޔާރުކުރާތީ ޞިއްޙަތަށް ގެއްލުންވާ ކާނާ ގަތުމުގެ ފުރުޞަތު ކުޑަވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގިނަ ބަޔަކު އައު ރެސިޕީތަކުގެ އަޖުމަބަލާލުމަށް އަމިއްލަ ބަދިގޭގައި ކައްކާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެކަމުގެ ބިރަށް ބާކީވާ ކާނާ ފަހުން ކެއުމަށް ރައްކާކުރުމަކީ ކާބޯތަކެތި އިސްރާފުވާ މިންވަރު ދަށްކޮށްދީފައިވާކަމެއްކަމަށް ޑީ ބެކާ ފާހަގަކުރެއްވިއެވެ. ނަމަވެސް ފިހާރަތަކުގެ ހަރުތައް އަލުން ފުރާލުމުން އެވިސްނުން ބަދަލުވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.