ޚަބަރު

"ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ ފެންވަރުގާ ހަރަކާތްތެރިވާނަން"


ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެކަން ރާއްޖެއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކޮމަންވެލްތް ހެލްތް މިނިސްޓަރުން ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ވަރޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ، ދިވެހިރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވާފައެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ކޮމަންވެލްތް މެމްބަރ ޤައުމުތަކުން ގުޅިގެން ކޯވިޑް-19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެހެން ޤައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމް "ޑެލިވަރިންގް އަ ކޯޑިނޭޓެޑް ކޮމަންވެލްތް ކޯވިޑް-19 ރެސްޕޮންސް" އާ ގުޅުވައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމަންވެލްތް ޤަޢުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރުމަށް ލިބިވަޑައިގެންނެވީތީ އުފާވާކަމަށެވެ.

ދެގަޑި އިރެއްހާއިރަށް ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަނީ، ޤަޢުމުތަކުގެ ހެލްތް މިނިސްޓަރުން އެއްބަސްވާ އެއްބަސްވުމެއް ހުށަހަޅާފައެވެ. މިއެއްބަސްވުމުގައި ކޯވިޑް-19އާ ގުޅިގެން ޤަމުމުތަކުން ކުރަމުންދާ މަސައްކަތާބެހޭ މަޢުލޫމާތު ބަދަލުކުރުމާއި، ކޯވިޑް-19އާއި ގުޅިގެން ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތަކަށް އިތުރު އަޅާލުން ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދިގުމުއްދަތަށް ބޭސްކުރަމުންދާ އެކިއެކި ފަރާތްތަކަށް އިތުރު ސަލާމުކަމެއް ދިނުމަށް އަލިއަޅުވާލާފައި ވެއެވެ. ޑަބްލިޔު. އެޗް.އޯ އިން ކޯވިޑް-19ގައި ފޯރުކޮށްދެއްވަމުންގެންދަވާ ޓެކްނިކަލް ގައިޑަންސް ފާހަގަކޮށް، މަލްޓި ސެކްޓޯރަލް އެޕްރޯޗެއްގައި މަސައްކަތް ކުރުން މުހިއްކަން ފާހަގަކުރައްވައި ޤައުމުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ފޯރުކޮށްދެވޭނެގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިބައްދަލުވުމުމަކީ، ދިވެރިރާއްޖެ ކޮމަންވެލްތާއި ގުޅުމަށްފަހު ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ބައްދަލުވުމެވެ. އަދި މިބައްދަލުވުމަކީ ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުން ވާރޗުއަލްކޮށްބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމަންވެލްތުގެ 57 މެންބަރު ޤައުމުގެ ތެރެއިން 27 ޤައުމެއްގެ ހެލްތް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އާއްމުގޮތެއްގައި ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބާއްވާ ވޯލްޑް ހެލްތް އެސެމްބްލީގެ ކުރިން ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ. އެހެންނަމަވެސް މިއަހަރުގެ މި ބައްދަލުވުން ބާއްވަވާފައި މިވަނީ ވަރޗުއަލް ކޮށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވަނީ މިވަގުތަކީ ހުރިހާ ޤައުމުތަކުންވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެެވެ. އަދި ހަމައެހެންމެ ފްރަންޓްލައިންގައި މަސައްކަތްކުރުމުގެ ތެރޭގައި މި ދުނިޔެދޫކޮށްދިޔަ ފަރާތްތަކުގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއްވެސް ވަނީ ގެނެސްފައެވެ.

މިބައްދަލުވުމުގައި ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއާސަސް ދެއްކެވި ވާހަކައިގައިވެސް ވަނީ ޕްރައިމަރީ ހެލްތް ކެއާރއަށް ޤައުމުތަކުން ދޭ އަހައްމިއްޔަތު މިއަށްވުރެ ބޮޑަށް ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވަފައެވެ.

ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އެންމެފަހުން ބައިވެރިވެފައިވަނީ 2016ގައި ޖެނީވާއިގައި ބޭއްވުނު ބައްދަލުވުމުގައެވެ.