ޚަބަރު

ކޯވިޑް-19 : އިތުރު 301 ބިދޭސީއަކު ފޮނުވާލައިފި


އިތުރު 301 ބިދޭސީއަކު ސްރިލަންކަން އެއަރލައިންސްގެ އިވެކުއޭޝަންގެ ފްލައިޓެއްގައި އަނބުރާ ޤައުމުތަކަށް ފޮނުވާލައިފިއެވެ. މި ބިދޭސީންނަށް އިމިގްރޭޝަން ކްލިއަރެންސް ދީ ފޮނުވާލާފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އިމިގްރޭޝަން ކްލިއަރެންސް ދީ ޤައުމަށް ފޮނުވާލާފައިވަނީ 285 ސްރީ ލަންކާ ރައްޔިތުންނާއި، ޖަޕާނުގެ 14 މީހުންގެ އިތުރުން، ކޮރެއާ 2 މީހުންނެވެ. މިމީހުންގެ ތެރެއިން ޖަޕާނާއި ކޮރެއާ ރައްޔިތުން ސްރީ ލަންކާގައި ޓްރާންސިޓްކުރުމަށްފަހު އެ ޤައުމުގައި ހަމަޖައްސާފައިވާ ޑިރެކްޓް ފްލައިޓްތަކުން އަނބުރާ އަމިއްލަ ޤައުމަށް ދިއުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އިމިގްރޭޝަންގެ ޓުވީޓް

އިތުރު ބިދޭސީންތަކެއް އަނބުރާ ފޮނުވާލުމުގެ ހުއްދަ އިމިގްރޭޝަނުން ދީފައުވާއިރު، ވިސާ ޖެހުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށައަޅާފައިވާ ޕާސްޕޯޓްތައް އެ އިދާރާއިން ދޫކުރަން ވަނީ ފަށާފައެވެ. އިމްގްރޭޝަނުން ވިދާޅުވީ، ދޫކުރަމުން އަންނަނީ ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުކުރުމުގެ ކުރިން ވިސާ ޖެހުމަށް އެއިދާރާއަށް ހުށައަޅާފައިވާ ޕާސްޕޯޓްތައްކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓްތައް ދޫކުރަން ފެށީ ރާއްޖޭގައި ތިބި ބިދޭސީން އެމީހުންގެ ޤައުމުތަކަށް ގެންދިޔުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާތީކަމަށެވެ. ހުކުރު، ހޮނިހިރު ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު އެގާރައިން މެންދުރުފަހު އެކެއް ޖަހަންދެން ޕާސްޕޯޓުތައް ދޫކުރަމުން ގެންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ޕާސްޕޯޓް ބަލާ އަންނައިރު ވިސާއަށް ހުށައެޅި ރިސިޕްޓް ގެނައުމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ވިސާ ޖެހުމަަށް ހުށަހަޅާފައިވާ ޕާސްޕޯޓްތައް ދޫކުރަން ފެށީ މިމަހުގެ 12 ވަނަ ދުވަހުކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު އެކަނިވެސް 159 ޕާސްޕޯޓް ދޫކޮށްފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހެޅި 150 ޕާސްޕޯޓާއި އެހެނިހެން ވިސާތަކަށް ހުށަހަޅާފައިވާ 9 ޕާސްޕޯޓްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިއްޔެވެސް 94 މީހެއްގެ ޕާސްޕޯޓް ދޫކޮށްފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހަޅާފައިވާ 85 ޕާސްޕޯޓާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާފައިވާ 9 ޕާސްޕޯޓު ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބަނގްލަދޭޝްގެ 68 މީހަކު ފޮނުވާލާ އިތުރު 350 މީހަކު ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި އުޅޭ އިންޑިއާގެ 900 މީހުން ފޮނުވާލާ އިތުރު 200 މީހުން ފޮނުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ޕާކިސްތާނުގެ 43 މީހަކުވެސް ވަނީ ޤައުމަށް ފޮނުވާލާފައެވެ.

މާލޭގައި ކޯވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާއިރު މިހާތަނަށް މި ބަލި ޖެހުނު މީހުގެ އަދަދު މިވަނީ ހާހަކާއި ގާތްކޮށްފައެވެ. ބަލި ޖެހުނު 955 މީހުންގެ ތެރެއިން 624 މީހުންނަކީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މިގެތެރޭގައި ހިމެނެނީ ބަނގަލަދޭޝާއި އިންޑިއާ، ސްރީލަންކާ، ނޭޕާލްގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ.