ވިޔަފާރި

އައްޑޫ ސިޓީގެ ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި


އައްޑޫ ސިޓީގެ ފިހާރަތައް ހުޅުވައި ޚިދުމަތްދިނުމަށް ވަކި ގަޑިތަކެއް ކަނޑައަޅައިފިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އައްޑޫ ސިޓީގެ ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުން އޮތީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގައި ކަނޑައެޅޭ ވަކި ވަގުތެއްގައި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ، ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެނދުރުފަހު 3:00 އާއި ހަމައަށެވެ. އަދި ހުކުރު ދުވަހު ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން 11:00 އަށް، އަދި މެންދުރުފަހު 1:30 އިން 3:00 އަށެވެ. ނަމަވެސް ފިހާރަ ހުޅުވޭނީ އެ އަވަށެއްގެ ސޯޝަލް ސެކިއުރިޓީ ޑެސްކުގެ ހުއްދަ ލިބިގެން، އެފިހާރައެއްގައި ޒަރޫރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުގައި ދިރިއުޅޭ މީހުންނަށް އެއްރަށުން އަނެއް ވިޔަފާރި ބޭނުމަށް ދަތުރު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން އެއްރަށުން އަނެއް ރަށަށް ދެވޭނެއެވެ. އެގޮތުން ހިތަދޫގެ ރައްޔިތުން ހެނދުނު 9:00 އިން 3:00 އަށް މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫ އަށް ދަތުރު ކުރެވޭނީ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. އަދި މިތިން ރަށުގެ ރައްޔިތުން ހިތަދޫ އަށް ދަތުރު ކުރެވޭނީ ހަމަ އެގަޑިތަކުގައި އާދީއްތަ އަންގާރަ އަދި ބުދަ ދުވަހުއެވެ.

ވިޔަފާރިތަކަށް ހުއްދަ ދިނުމުގައި ސިޓީ ކައުންސިލުން ހާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނިސްބަތުން ބޮޑު ފިހާރައަކަށް އެންމެ ގިނަވެގެން ވަދެވޭނީ 4 ކަސްޓަމަރުންނަށެވެ. ނިސްބަތުން ކުޑަ ފިހާރައެއް ނަމަ އެންމެ ގިނަވެގެން ވަދެވޭނީ 2 ކަސްޓަމަރުންނަށެވެ. މީގެ އިތުރުން ފިހާރައިގައި ހަރަކާތްތެރިވާ މުވައްޒަފުން ތިބެންވަނީ ޙިދުމަތްދޭ ގަޑީގައި އަބަދުވެސް މާސްކާއި އަންގި އަޅައިގެން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިީގެ އިތުރުން ފިހާރަތަކަށް ވިޔަފާރިކުރަންދާ ފަރާތްތަކުން މާސްކު އެޅުމަށާއި ކިއުގައި ތިބޭއިރުވެސް ގައިދުރުކަން ބެހެއްޓުމަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. ފިހާރަތައް ހުޅުވުމަށް ނިންމިކަމުގައި ވީނަމަވެސް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގާޑިޔާތަކާއި އަދި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް އަދި ނިންމާފައިނުވާކަމަށް ކައުންސިލުން ބުނެއެވެ.