ޚަބަރު

ރާއްޖެއިން ބޭރުގައި ހާލުގައި ޖެހުނު ދަރިވަރުންނަށް ފައިސާގެ އެހީ ދެނީ


ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީ ދޭން ސަރުކާރުން ނިންމައިފިއެވެ.

ހާލުގައި ޖެހިފައިވާ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ އެހީ، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުސޫލެއް އެކުލަވާލާ އާއްމުކޮށްފައެވެ.

މި އުސޫލްގެ ދަށުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއް ހަދަމުންދާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރަކީ ސްޕޮންސަރެއްގެ އެހީގައި ކިޔަވަމުންދާ ދަރިވަރަކަށް ވެފައި އެ ދަރިވަރަކަށް ސްޕޮންސަރ ދެމުންގެންދިޔަ އެހީގެ މިންވަރު މަދުވެފައިވާ ދަރިވަރަކަށް ވާންޖެހޭނެކަމަށްވެސް އެހީއަށް އެދޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ ދަރިވަރެއްނަމަ އަމިއްލަ އަށް ޚަރަދުތައް ހަމަނުޖެއްސޭ ނަމަ އެ ދަރިވަރުންނަށްވެސް މާލީ އެހީތެރިކަން އެދި ހުށައެޅޭނެއެވެ.

ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މިމަހުގެ 1 ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުންނަށެވެ. އަދި މިހާރުވެސް ރާއްޖެއިން ބޭރުގައި ހުރި ދަރިވަރަކަށް ވާންޖެހޭނެކަމަށްވެސް އެހީއަށް އެދޭ ޝަރުތަކުގެ ތެރޭގައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫގައި ވަނީ ދިވެހި ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ނުވަތަ ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން މިހާރުވެސް ފައިސާގެ ޢިނާޔަތް ލިބެމުންދާ ދަރިވަރުން ކަމަށް ވާތީ، މި ފަދަ ދަރިވަރުންނަށް މި އުސޫލުގެ ދަށުން އެހީއެއް ނުލިބޭނެކަމަށެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރުމަށްފަހު، ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖެ ނާދެވިފައިވާ ދަރިވަރުންނަށް، މި އުސޫލުގެ ދަށުން އެހީއަށް އެދި ހުށައެޅުމުގެ ފުރުސަތު ލިބިފައިވާކަމަށްވެސް މި އުސޫލްގައިވެއެވެ.

މި އުސޫލުގައިވާ ގޮތުން އެހީގެ ގޮތުގައި ދޭނެ މިންވަރު ކަނޑައަޅާނީ އެ ދަރިވަރަކު ހުރި ގައުމެއްގެ ސްޓައިޕެންޑް (ދިރިއުޅުމުގެ ޚަރަދަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދު) އަށް ބެލުމަށް ފަހުގައެވެ. އެގޮތުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް 50 ޑޮލަރަށް ވުރެ މަދުން ކަނޑައެޅިފައިވާ ގައުމެއްގައި ނަމަ، އެ ދަރިވަރަށް ދެވޭނީ އެ ގައުމުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓުންކަމަށާއި ދުވާލަކަށް ޖެހޭ އަދަދު 50 ޑޮލަރަށް ވުރެ ބޮޑުވާ ނަމަ، އެ ދަރިވަރަށް ދޭނީ ގިނަވެގެން 50 ޑޮލަރުކަމަށް މި އުޞޫލްގައިވެއެވެ

އެހީ ދޭނީ ގިނަވެގެން ދެ މަސް ދުވަހަށް ކަމަށާއި އީމެއިލް މެދުވެރިކޮށް އެހީއަށް އެދޭއިރު، އެހީ ބޭނުންވާ މުއްދަތެއް ބަޔާން ކުރަން ޖެހޭނެ ކަމަށް މި އުސޫލުގައިވެއެވެ. އެހީގެ ފައިސާ ޖަމާކުރާނީ އެ ދަރިވަރެއްގެ ބޭންކް އެކައުންޓަށް ކޮންމެ 14 ދުވަހަކުން އެއް ފަހަރުއެވެ.

އެހީއަށް އެދި ހުށަހަޅާއިރު، އެ ދަރިވަރަކު ރާއްޖެ އިން ބޭރުގައި ހުރިކަން ކަށަވަރުކޮށް ދޭންޖެހޭނެ ކަމަށް ވެސް މި އުޞޫލްގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެހީ ދިން މުއްދަތު ހަމަނުވަނީސް، ރާއްޖެ އަތުވެއްޖެ ނަމަ، ބާކީ ހުރި ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ.

މި އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ލިޔުންތަކުގައި ޞައްޙަނޫން މަޢުލޫމާތެއް ހުށަހަޅައިފައިވާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.