ޚަބަރު

ކޯވިޑް-19 : ލޮކްޑައުންގައި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ - ޔުނިސެފް


ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅާއެކު މުޅި ދުނިޔެއަށްވަނީ އެތައް ދަތިތަކާއި މައްސަލަތަކާއި ކުރިމަތިވެފައެވެ. ނަފްސާނީގޮތުން މިއީ ހުރިހާ އެންމެންނަށްވެސް ނުތަނަވަސް ދުވަސްވަރަކަށްވާއިރު ކުޑަކުދިންނަށް މިދުވަސްތައްވަނީ ބޮޑެތި މީހުންނަށްވުރެ ބޮޑަށް ނަފްސާނީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

ސްކޫލަށް ދާ ހުރިހާ ކުދިންނަކީވެސް ކޮންމެވެސް އިތުރު ހަރަކާތެއްގައި ބައިވެރިވުމާއި ކިޔެވުމާއި ގުޅުންހުރި ކަންކަމުގައި މަޝްއޫލުވެގެން އަބަދުވެސް އުޅޭ ކުދިންނެވެ. އެހެންނަމަވެސް ލޮކްޑައުންއާއި ގުޅިން މިހުރިހާ ޙަރަކާތެއްވަނީ ހުއްޓިފައެވެ. ގޭގައި ހުރިހާ ވަގުތެއްގައި ކުދިން ތިބެންޖެހުމުގެ ސަބަބުން ހަރަކާތްތެރިވެ އުޅުން ހުއްޓިފައި ތިބެންޖެހުމުގެ ސަބަބުން ނަފްސާނީގޮތުން މިދުވަސްވަރު ކުދިންނަށް ނޭދެވޭ އަސަރުތަކެއްކޮށްފާނެ ކަމަށް ކުޑަކުދިންނާއި ގުޅޭ އދ.ގެ ޖަމްޢިއްޔާ ޔުނިސެފުންވަނީ ހާމަކުރައްވާފައެވެ.

އަދި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ޔުނިސެފުންވަނީ އިރުޝާދުދެއްވާފައެވެ. އަދި މިދުވަސްވަރު ކުދިންގެ ވިސްނުމަށް އަންނަމުންދާ ބަދަލުތަކާއި ހިތްނުތަނަވަސްކަމުގައި ކުދިންނާއެކު އެހެން މީހުންތިބިކަމުގެ ޔަގީންކަން ބޭއްވުމަށް ޔުނިސެފުންވަނީ ނަސޭޙަތްތެރިވެފައެވެ. ކުޑަކުދިންގެ ސައިކޮލޮޖީއަށް ޚާއްސަ ޑރ.ލީސާއާ ޙަވާލާދީ ޔުނިސެފުންވަނީ މިދުވަސްވަރު ކުދިން ގޭގައި ތިބޭއިރު ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ކުރެވިދާނެ ބައެއްކަންކަން ޢާއްމުކޮށްފައެވެ.

ސްކޫލްތައް ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހިތްނުތަނަވަސްވުމާއި ހާސްކަންވަނީ ހުރިހާ ކުޑަކުދިންނަށްވެސް ތަޙައްމަލުކުރަންޖެހިފައެވެ. މިދަނޑިވަޅުގައި މިއީ ހަމައެކަނި ތިމާއަށް އިހުސާސްވާކަމެއްކަމުގައި ނުދެކި މިއީ އެންމެންނަށް ކުރިމަތިވެފައިވާ ޙާލަތެއްކަމުގައި ޤަބޫލުކުރުމަށް ޑރ. ލީސާވަނީ އެދިފައެވެ. އަދި މިޙާލަތުގައި ދިމާވެފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ސަބަބުން މިދަނޑިވަޅުގައި ހަށިގަނޑުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މިއިހުސާސްތައް މުހިއްމު ދައުރެއް އަދާކުރާކަމަށް ޑރ.ލީސާ ވިދާޅުވެއެވެ. އެގޮތުން ބޭރަށް ނިކުމެ ގިނަ މީހުން އެއްވާ ތަންތަނަށް ދިޔުން ހުއްޓުވުމުގައާއި ގިނަ ގިނައިން އަތް ދޮވުމަށް މީހާއަށް ހަނދާންކޮށްދިނުމުގައި ހިތްނުތަނަވަސްކަމުގެ ދައުރު ބޮޑެވެ.

މި ހިތްނުތަނަވަސްކަން ކުޑަކުރުމަށް ކޯވިޑް 19 އާއި ގުޅޭ ސައްޙަ މައުލޫމާތު ކުދިންނަށް އޮޅުންފިލާ ގޮތަކަށް ބުނެދޭންޖެހެއެވެ. ސަބަބަކީ މިދަނޑިވަޅަކީ އެކުދިންގެ މުޅި ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާ ވަގުތަކަށްވުމުގެ ސަބަބުން މިކަމުގެ ބޮޑުކަން އެކުދިންނަށް އިހުސާސްކުރެވޭނެކަމަށާއި އެކަމުން އަރައިގަތުމަށް ހަގީގަތަށް ކިޔައިދެވެންޖެހޭ ކަމަށް ޑރ.ލީސާ ބުނެފައިވެއެވެ.

އަދި މިޙާލަތުގައި ހިތްނުތަނަވަސްވުމާއެކު އަންނަ ޝުއޫރުތައް ބޮޑެތި މީހަކާއި ހިއްސާކުރުމަށް ޑރ.ލީސާ ބާރުއަޅުއްވައެވެ. ޑރ.ލީސާ ވިދާޅުވީ މިދަނޑިވަޅުގައި ވިސްނުންތައް ދުރުކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންނަމަވެސް މިކަން ކުރުމަށް ކުރެވޭނެ މާ ގިނަ ކަންކަން ނެތްނަމަވެސް ކުދިންގެ ޢުމުރާ ގުޅޭ ފިލްމާއި ވާހަކައާއި ޝައުގުވެރިވާ ފަދަ ދިރާސާތަކާއި ފޮތް ކިޔުމާއި ގޭތެރޭގައި ކުރެވޭނެ އެކި އެކި ޙަރަކާތްތަކަށް މިދުވަސްވަރު އިސްކަންދިނުމަށްވަނީއެދިފައެވެ.

އަދި އަމިއްލަ ނަފްސަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކުދިންނަށް ޑރ.ލީސާވަނީ ނަސޭޙަތްތެރިވެފައެވެ. އެގޮތުން އަމިއްލަ ކުރިއެރުމަށް ކުރެވޭނެ އާކަމެއް ދަސްކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ. މީގެތެރޭގައި އާ ބަހެއް ދަސްކުރުން ބެލެނިވެރިއެއްގެ އެހީގައި އެއްޗެއް ކައްކަން ދަސްކުރުން ކުރެހުމާއި ޕެއިންޓުން ކުލަޖެއްސުމުގެ ތެރެއިން ކަމެއް ދަސްކުރުމަކީވެސް މިދުވަސްވަރު ކުރެވިދާނެކަންކަމެވެ. އަދި އޮންލައިންކޮށް ކުރިއަށްގެންދާ ކުޑަ ކޯސްތަކުގެތެރެއިން ކަންކަން ދަސްކުރުމަކީވެސް މިދުވަސްވަރު ކުރެވިދާނެ އޭގެ ބޭނުން ފަހުންވެސް ކުރާނެކަންކަމެވެ.

ކޯވިޑް 19 އާއި ގުޅިގެން ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ސްކޫލްތަކުގައިވެސް އަދި ޢާއްމުތަންތަނުގައިވެސް ބުލީކުރުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ކުދިންނަށް ޑރ.ލީސާވަނީ އިރުޝާދުދެއްވާފައެވެ. އަދި މިފަދަ ކަމެއް ކުރިމަތިވާނަމަ އެހެން މީހެއްގެ އެހީތެރިކަމަށް އެދުމަށާއި އެހެން ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިވާނަމަ އެހީތެރިވުމަށްވެސް ޑރ.ލީސާ ވަނީ ކުދިންގެ ކިބައިން އެދިފައެވެ.

ގިނަ ޤައުމުތަކުގައި ލޮކްޑައުންއަށް 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަހަރު ބައްވާ ބައިނަލްއަޤުވާމީ އިމްތިޙާނުތައްވެސް ވަނީ ފަސްކޮށްފައެވެ. ކޯވިޑް 19 އިގެ ޙާލަތަށް އަހުލުވެރިވެ މިޙާލަތުގައި ދިރިއުޅެން ދަސްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަކީ ޢާއްމުގޮތެއްގައި ކުރާކަމެއްގެ ގޮތުގައި ދަސްކުރަންޖެހެއެވެ.