މުނިފޫހިފިލުވުން

ދިވާލީއާ ދިމާކޮށް ބޮލީވުޑް ސްކްރީނަށް އަންނާނެކަމަށް ބެލެވޭ ބައެއް ފިލްމްތައް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އިންޑިއާގައި ފުރަބަންދު އިޢުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކާއެއްކޮށް ބޮލީވުޑްގެ މަސައްކަތްތައް މިވަނީ މަޑުޖެހިފައެވެ.

ކޮންމެ އަހަރެއްގެވެސް މި ސީޒަނަކީ ފުލުފުލުގައި ފިލްމްތައް ރިލީޒްކުރާ ދުވަސްވަރެއްނަމަވެސް، ކޯވިޑް-19 އިންޑިއާގައި ފެތުރެން ފެށި ހިސާބުން ފިލްމް އުފައްދާ ކުންފުނިތަކުން ވަނީ ޝޫޓިންގތައް މެދުކަނޑާލާ، ފިލްމްތައް ރިލީޒްކުރުން ފަސްކޮށްފައެވެ.

ޕްރޮޑިއުސަރުން އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާތީ ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައިވެސް ބޮޑު ފިލްމެއް ހިންދީ ސިނަމާތަކަށް އަތުވެދާނެކަމަކަަށް ނުބެލެވެއެވެ. ނަމަވެސް އިންޑިއާގެ މިހާރުގެ ޙާލަތަށްބަލަައި ޖޫންމަހުގެ ތެރޭ ފިލްމްތަކާއި ޓީވީ ސީރީޒްތައް ޝޫޓްކުރުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ސީޒަންގައި ބޮލީވުޑް ސިނަމާތަކުގައި ރިލީޒްކުރާނެކަމަށް އިޢުލާންކޮށްފައިވާ ހުރިހާ ބޮޑެތި ފިލްމްތަކެއް ވަނީ ފަސްކޮށްފައެވެ. މީގެ ތެރެއިން ގިނަ ފިލްމްތައް ރިލީޒްކުރާނެކަމަށް މިހާރު ބެލެވެނީ ދިވާލީއާ ދިމާކޮށް މިއަހަރުގެ ފަހުކޮޅެވެ.

މިއަހަރު ބޮލީވުޑް ސްކީރަނަށް އަންނާނެ ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ ސަލްމާން ޚާންގެ "ރާދޭ" އެވެ. ސަލްމާން އަމިއްލައަަށް ޕްރޮޑިއުސްކޮށް ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ފިލްމް ކުރިން ރިލީޒްކުރާގޮތަށް ހަމަޖެހިފައިއޮތީ މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށް މިމަހުގެ 22 ވަނަ ދުވަހުއެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން، މެއިން ކާސްޓުންގެ ގޮތުގައި ޑިޝާ ޕަަޓާނީ، ރަންދީޕް ހޫޑާ، އަދި ޖެކީ ޝްރޮފް ފެނިގެންދެއެވެ.

އިންޑިއާގައި އިޢުލާންކުރި ފުރަބަންދާއެކު "ރާދޭ"ގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ. ނަމަވެސް ފުރަބަންދުގެ މުއްދަތު ހަމަވުމާއެކު ފިލްމުގެ ނުނިމިހުރި މަސައްކަތްތައް އަލުން ފެށިގެންދާނެކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ފިލްމް ރިލީޒްކުރާނެ ސީދާ ވަކި ތާރީޚެއް ރަސްމީކޮށް އަދި އިޢުލާންކޮށްފައިނުވި ނަމަވެސް، މި ފިލްމު ސްކްރީންތަކަށް އަންނާނެކަމަަށް މިހާރު ބޮޑަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅެވެ.

ދިވާލީއާ ދިމާކޮށް މިއަހަރު ރިލީޒްކުރާނެކަމަށް ބެލެވޭ އަނެއް ބޮޑު ފިލްމަކީ "ސޫރްޔަވަންޝީ" އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ކުރިން ރިލީޒްކުރާގޮތަށް އޮތީ މާރިޗު 24 ގައެވެ. މި ފިލްމަކީވެސް ބޮޑު ސްޓަރކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން ލީޑް ރޯލުތަކުން އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، ރަންވީރު ސިންގް އަދި ކެޓްރީނާ ކައިފް ފެނިގެންދާ މި ފިލްމަކީވެސް އެކްޝަން ފިލްމެކެވެ.

ކޯވިޑް-19 އާއި ގުޅިގެން މި ފިލްމުވެސް ވަކި ތަރީޚެއްނެތްގޮތަށް ފަސްކޮށްފައިވާއިރު، މި ފިލްމްވެސް ސިނަމާތަަކަަށް އަންނާނެކަމަށް ބޮޑަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅެވެ.

"ކޫލީ ނަންބަރު 1" އަކީވެސް މިމަހު ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ފިލްމެކެވެ. މިއީ 1995 ވަނަ އަހަރު ހަމަ އެނަމުގައި ގޯވިންދާއާއި ކަރިޝްމާ ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމުގެ ރީމޭކެކެވެ.

ފަހުގެ ފިލްމުގައި ލީޑް ރޯލުން ވަރުން ދަވާނާއި ސާރާ ޢަލީ ޚާން ފެނިގެންދާއިރު، މި ފިލްމުވެސް ޑައިރެކްޓްކޮށްފައިވަނީ ކުރީގެ ފިލްމުވެސް ޑައިރެކްޓްކޮށްފައިވާ ވަރުންގެ ބައްޕަ ޑޭވިޑް ދަވާނެވެ. ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގައި ކޮމެޑީ ރޯލުތަކަށް މަޝްހޫރު ޕަރޭޝް ރާވަލާއި، ޖާވިދު ޖެފްރީވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

މިއީ ޑޭވިޑް ދަވާން އޭނާގެ ކުރީގެ ފިލްމެއްގެ ރީމޭކް ހަދާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 1997 ވަނަ އަހަރު ރިލީޒްކުރި ޖުޑުވާގެ ރީމޭކެއް "ޖުޑުވާ 2" ނަމުގައި ހަދާފައެވެ. އެ ފިލްމުގައިވެސް ލީޑް ރޯލު ކުޅެފައިވަނީ ދަރިފުޅު ވަރުން ދަވާނެވެ.

މީގެ އިތުރުން "83" މިއީވެސް މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ބޮޑެތި ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ.

އޭޕްރީލް 10 ވަނަ ދުވަހު ރިލީޒްކުރާގޮތަށް ކުރިން ހަމަޖެހިފައިއޮތް މި ފިލްމުވެސް ރިލީޒްކުރުން ވަނީ ފަސްކޮަށްފައެވެ. 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕް އިންޑިއާއިން ކާމިޔާބުކުރި ކުރުން އަސްލަކަށް ބަލައިގެން ހަދާފައިވާ ކްރިކެޓް ބައޯޕިކް ޑައިރެކްޓްކޮށްފައިވަނީ ކަބީރު ޚާނެވެ. މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ ރަންވީރު ސިންގާއި ދިޕިކާ ޕަޑުކޯނެވެ.

މި ފިލްމުގައި ރަންވީރު ދައްކުވައިދެނީ އިންޑިއާގެ މަަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ކެރެކްޓަރއެވެ. ކަޕިލްއަކީ 1983 ވަނަ އަހަރު އިންޑިއާއަށް ކްރިކެޓް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަނެވެ. ކަޕިލްގެ ރޯލަށް ފިޓްވުމަށްޓަކާ ރަންވީރު ވަނީ ކަޕިލްގެ ހެދުން އެޅުމުގެ ސްޓައިލުން ފެށިގެން ކްރިކެޓާގުޅޭ މުހިއްމު ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ސިނަމާތައްވެސް އިންޑިއާގައި ބަންދުކޮށްފައިވުމުން، ފިލްމްތައް ރިލީޒްކުރުން ލަސްކުރަންޖެހި، ޕްރޮޑަކްޝަން ކޮމްޕެނީތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

ކޮންމެއަކަސް ބޮލީވުޑްގެ އެންމެ ބިޒީ ސީޒަން ފުރަބަންދާއެއްކޮށް މިހާ ހުސްކޮށްދިއުމުން، މިއަހަރުގެ ފަހުކޮޅަށް އިންޑިއާގެ ސިނަމާތަކަށް ވަރަށްވެސް ބާރު ބޮޑުވާނެކަމަށް މިވަނީ ބެލެވެންފަށާފައެވެ. މިއަހަރުގެ ދިވާލީ ވެގެންދާނީ ބޮލީވުޑްގައި ވާދަވެރިކަން އިތުރުވެގެންދާނެ ދުވަސްކޮޅަކަށެވެ.