ޚަބަރު

ކޯވިޑް-19: މާފުށީ ޖަލުންނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް


ރާއްޖޭގެ ޖަލުތަކުގައި ކޯވިޑް-19ގެ ބަލިމަޑުކަން އޮތްތޯ ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާފުށީ ޖަލުން ނެގި 38 ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވްވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ މާފުށީ ޖަލުން ކޯވިޑް-19އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު 38 ރެންޑަމް ސާމްޕަލް ނެގެޓިވް ވެފައިވާކަން އެޗްޕީއޭ އިން ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ.

މީގެ އިތުރުން ރޭ ހުޅުމާލެ ޖަލުން ނިޔާވި 92 އަހަރުގެ މީހާވެސް ކޯވިޑް-19އަށް ނެގެޓިވް ވެފައިވާކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވިއެވެ.

ކޯވިޑް-19އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ)އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސިޓީގެ ބަލި ފެތުރެމުންދާއިރު މިބަލި މުޅި ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ މިބަލީގެ ނުރައްކާ އޮތްމިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގައި ޙާލަތު ދެނެގަތުމަށް ދިރާސާއެއްވެސް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޖަލު ފަދަ ތަންތަނުންވެސް ރެންޑަމް ސާމްޕަލްތައް ނަގާފައިވާއިރު، މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި އޭސިމްޓޮމެޓިކް ނުވަތަ ބަލީގެ ނުރައްކާ ހުރި ބަޔެއްކަމަށް ނުދައްކާތީކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.